ޚަބަރު

ޖެމްސް ހުއްޓުވި މައްސަލަ ސާބިތުވެ އުއްތަމަ ފަނޑިޔާރު 4 މަހާއި 24 ދުވަހަށް ޖަލަށް


ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ޤާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހުއްޓުވި މައްސަލަ ސާބިތުވެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު 4 މަހާއި 10 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ޖެމްސް ހުއްޓުވި މައްސަލާގައި ޢަބްދުﷲ ސައިދާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެކި އިދާރާތަކުން ސުޕްރީމްކޯޓަށް ފޮނުވި ލިޔެކިޔުންތައް އެ ކޯޓަށް ނުލިބޭނެގޮތް ހެދުމަށް، ސަރުކާރުގެ ލިޔެކިޔުންތައް ފޮނުވާ އި ލެޓަރ މެނޭޖްމަންޓް ސިސްޓަމް ޖެމްސްގެ ޚިދުމަތް ސްޕްރީމް ކޯޓުން ކަނޑާލާފައިވާކަމަށެވެ. އަދި ސުޕްރީމު ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތަކެއް ފޮނުވުމަށްފަހު އެ މަސައްކަތް ނިމޭއިރަށް ޖެމްސްގެ ޚިދުމަތް ކަނޑާލަން ސުޕްރީމްކޯޓްގެ މުވައްޒަފުންނަށް ޢަބްދުﷲ ސައީދު އަންގަވާފައިވާކަމަށްވެސް ދައުލަތުގެ ދަޢުވާގައިވެއެވެ.

މި މައްސަލާގައި ދައުލަތުން ހުށައެޅި ސިއްރު ހެއްކަކު ހެކިބަސް ދެމުން ބުނެފައިވަނީ ޖެމެސްގެ ޚިދުމަތް ހުއްޓުވުމަށް އަބްދުﷲ ސައީދު އެންގެވިކަމަށެވެ. އަބްދުﷲ ސައީދުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައެޅި މީހާ ހެކިބެސް ދެމުން ބުނެފައިވަނީ ޖެމްސްގެ ޚިދުމަތް މެދު ކަނޑާލަން ޢަބްދުﷲ ސައީދު އަންގަވާފައި ނުވާކަމަށާ ޖެމްސްގެ ޚިދުމަތް ހުއްޓުނުކަން އެނގިފައިވަނީ މީޑިއާތަކުގެ ޒަރިއްޔާއިން ކަމަށެވެ.

މި މައްސަލަ ނިންމައި ކުރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ޖެމްސް ހުއްޓުވި މައްސަލާގައި ޢަބްދުﷲ ސައިދާ ދެކޮޅަށް ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެއްނެތް މިންވަރަށް މިމައްސަލަ އޭނާގެ މައްޗަށް ސާބިތުވާކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާއީ ޙުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެއެވެ. ނިހާއީ ނިންމުމަކަށް ވަނީ އެންމެ މަތީ ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 ދުވަހެވެ. އަދި އެ މަައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން އެ މައްސަލަ ނިންމަންވާނެކަމަށްވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 10 ދުވަހެވެ. އަދި އެ މަައްސަލަ ސުޕުރީމް ކޯޓުގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކޯޓުންވެސް އެ މައްސަލަ ނިންމައި ޙުކުމް އިއްވަންޖެހެއެވެ.