ޚަބަރު

ދެވަނަ ބުރަށް ނިކުންނައިރު ކިސްގެ ކަންބޮޑުވުމަކީ ރެފްރީން!


ދެވަނަ ބުރަށް ނުކުންނައިރު ރެފްރީންގެ ފަރާތުން އިންސާފުވެރި ނިންމުން ތަކެއް ފެންނާނެ ކަމަށް އުންމީދުކުރާކަމަށް ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސް ބުނެފިއެވެ.

މިރޭ އެސްޓީއޯ މާލެ ލީގްގެ ދެވަނަ ބުރުގެ ޔުނައިޓެޑް ވިކްޓްރީއައި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ކިސް ބުނީ މިދިޔަ ބުރުގެ ރެފްރީންގެ ފަރާތުން ފެނިގެން ދިޔައީ ބޮޑެތި ޓީމްތަކަށް އިސްކަންދޭތަން ކަމަށާއި އެކަން މިބުރުގައި ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކިސް ބުނީ ޔޫވީ އަކީ ރަނގަޅު ޓީމެއް ކަމަށާއި މިދިޔަ ބުރުގައިވެސް ގްރީންސްޓްރީޓް އަތުން ބަލިވި މެޗް ފިޔަވައި ހުރިހާ މެޗެއްގައިވެސް އެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ނުކުންނައިރު ސަމާލުވާނޭ ކަމަށްވެސް ކިސް ބުންޏެވެ. ދެވަނަ ބުރަށް ނުކުންނައިރު ރޯދަމަސް ކުރިމަތިވެފައި އޮތުމަކީ ހެނދުނުގެ ޕްރެކްޓިސްތައް ކުރިއަށް ނުގެންދެވި ކުޅުންތެރިންގެ ފިޓްނެސް ދަށްވާނެ ކަމެއްކަން ފާހަގަކޮށް ކިސްވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ކުރީގައި އޮތް ހަތަރު ޓީމަށް ރެފްރީން ފޭވަރކުރަނީއޭ ބުނެވިދާނެ، ނިއު މެޗުގައިވެސް އަހަރުމެންނަށް އެންމެ ދެ ފައުލް ނިއުއަށް ހަތަރު ފައުލް، މިއީ ރަނގަޅު ގޮތެއް ނޫން. ހުރިހާ ޓީމެއްވެސް މޮޅު، ރެފްރީ މިގޮތަން ނިންމަންޏާ ނަތީޖާ ނެރުމުގައި އުނދަގޫ ދިމާވޭ" ކިސް ބުންޏެވެ.

ޔޫވީގެ ކޯޗް ނަޒީހް ބުނީ ތަފާތު ނަތީޖާއެއް ނެރެވޭނީ ކަމެއް ތަފާތުކޮށް ކޮށްގެން ކަމަށާއި މިބުރުގައި ޔޫވީއިން ތަފާތު ކަންތައްތަކެއް ފެނިގެން ދާނެ ކަމަށެވެ. މެޗްގެ ކުރީކޮޅު ބޭރު ކުޅުންތެރިން ބަދަލު ކުރަން ޖެހުމަކީ ދިމާވާ ގޮންޖެހުމެއް ކަމަށާއި މިބުރުގައި އެއީ ބަދަލުވާނެ ކަމެއް ކަމަށްވެސް ނަޒީހު ބުންޏެވެ.

މި މެޗަކީ ޔޫވީއަށް މުހިންމު މެޗެއްކަމަށް ފާހަގަކުރަމުން ނަޒީހު ބުނީ މި މެޗަކީ ގޮތް ނިންމާ މެޗު ކަމަށާއި ޔޫވީ ގަދަ ހަތަރެއްގައި ހިމެނޭނެ ކަން ނުވަތަ ނޫންކަން ނިންމާނީ މި މެޗުން ނުކުންނަ ނަތީޖާއެއް ކަމަށެވެ. ނަޒީހުބުނީ މި މެޗަކީ މޮޅު ނުވެވޭނެ މެޗެއް ނޫން ކަމަށާއި ނަމަވެސް ގިނަ ބަލިތަކަކަށްފަހު ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހެއް އުފައްދަން އުނދަގޫ ކަމަށެވެ.

"ފުރަތަމަ ބުރުގައި ގްރީން މެޗު ފިޔަވައި ހުރިހާ މެޗެއްގައި ކުޅުން ބަރާބަރު، ނަތީޖާ ނުނެރެވުނީ. މި ބުރުން ބޭނުންވަނީ ނުވަ ޕޮއިންޓް ގަދަ ހަޔެއް ޔަގީންކުރަން. އެކަމަށް ފޯކަސް މިއޮތީ" ނަޒީހު ބުންޏެވެ.

ދެވަނަ ބުރަށް ކުރިމަތިލާއިރު ވިކްޓްރީ ބާރަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތްއިރު ހަ ޕޮއިންޓާއެކު ޔޫވީ އޮތީ ތާވަލުގެ ހަތްވަނައިގައެވެ.