ޚަބަރު

ޓީސީއާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު


އެސްޓީއޯ މާލޭ ލީގްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އެސްޓީއޯ މާލޭ ލީގްގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފެށުނުއިރު، ފުރަތަމަ މެޗްގައި ވާދަކުރި ޓީސީ ސްޕޯޓްސް ކުލަބް އާއި ކުލަބް އީގަލްސް މެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހިއެވެ.

މިމެޗުގައި ޓީސީ އަދި އީގަލްސްއަށްވެސް ލަނޑު ޖާހާނެ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މެޗްގެ ފުރަތަމަ ހާފްގެ 39ވަނަ މިނެޓްގައި އީގަލްސްގެ މުބީނަށް ގަސްތުގައި ހަމަލާ ދިނުމުގެ ސަބަބުން ޓީސީގެ ޔާމީން އިބްރާހީމަށް ރެފްރީވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޔާމީންއަށް ދެއްކި ރަތްކާޑްއާއި ގުޅިގެން ޓީސީގެ ބެންޗުންވަނީ ވަރަށް ބޮޑަށް ރެފްރީގެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗުގައި ދެ ޓީމުގެ ބެންޗުންވެސް ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.

މެޗުގައި ޓީސީ އަދި އީގަލްސްގެ ކީޕަރުވެސްވަނީ ގިނަ ހަލަމާތަކެއް ދިފާއުކޮށްފައެވެ. 0-0ން އެއްވަރުވި މެޗަށްފަހު ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޓީސީ ކަހަލަ ވަރުގަދަ ޓީމްއަކާއި އެކު ކުޅެ 1 ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި އެންމެ މުހިންމުކަމަމީ މެޗުން ބަލިނުވެ ނިންމާލުންކަމަށެވެ. އަދި ބޮޑު ބަދަލްތަކަކާއިއެކު މެޗުގައި ހާސިލް ކުރަން ބޭނުންވި ގިނަ ކަންތަށްތަށް ހާސިލްވިކަމަށްވެސް މޯހަން ބުންޏެވެ.

"މިއަދު ހާސިލް ކުރަން ބޭނުންވި ގިނަ ކަންތަށްތަށް ހާސިލްވި. މެޗްގައި ގޯލްއެއް ނުޖެހުމުން ބޭނުންވި އެއްކަމެއް ވެގެންނުދިޔަ. ނަމަވެސް ކުރިން މެޗްތަކުގައި އީގަލްސްއިން ލަނޑެއް ޖެހިނަމަވެސް ބައިކޮޅަށް ވަންނަ ގޯލްތަށް ފާހަގަކުރެވޭ. މިއަދުގެ މެޗްގައި ބައިކޮޅަށް ގޯލްއެއް ވަދެފައި ނެތުމުން އެކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ. ހާއްސަކޮށް ވާދަވެރި މެޗްއެއްގައި ޕޮއިންޓްއެއް ލިބުމުންވެސް ވަރަށް ހިންހަމަޖެހޭ." މޯހަން ބުންޏެވެ.

ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ލަނޑު ޖެހުން ނޫން އެހެން ހުރިހާކަމެއް މިއަދު މެޗްގައި ޓީސީގެ ކުޅުންތެރިން ކުރިކަމަށެވެ. ގޯލް ޖެހުމަށް ކުޅުންތެރިން ވަރަށް މަސައްކަތްކުރިކަމަށާއި އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް ޓީސީގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކޮށްލެވޭކަމަށް ކޯޗު ބުންޏެވެ.

"މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭ. ރަތް ކާޑް ދެއްކިނަމަވެސް ކުޅުންތެރިން އެތަން ނުދައްކާ، ޓީސީއިންވަނީ އީގަލްސްގެ ފަހަތަށް ކުޅޭ ކުޅުންތެރިންނަށް ބާރުބޮޑުކޮށް، ނުރައްކާތެރި ހަމަލާތަކެއްވެސް އުފައްދާފަވަނީ. މެޗުން ބަލިނުވެ ނިންމާލުމުން ހިންހަމަޖެހޭ. މެޗްގެ ކުރީކޮޅުގައި ވަރަށް އާދައިގެ ކޮށް ފެށުނީ. ޔާމީންއަށް ރަތް ކާޑް ދެއްކުމުގެ ކުރިން ޓީމްއަކީ މަޑުމަޑުން ފޯމްއަކަށް އެޅެމުން. ކާޑްއަށްފަހު ކުޅުންތެރިން އިތުރު ހިއްވަރެއް ލީތަން ފެނިގެންދިޔައީ." ނިޒާމްބެ ބުންޏެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކުލަބްވަނީ ވަގުތީ ގޮތުން ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. އެއީ 8 މެޗުން 14 ޕޮއިންޓް ލިބިގެންނެވެ. މެޗުން ލިބުނު ޕޮއިންޓްއާއެކު އީގަލްސްވަނީ ތާވަލްގެ 4ވަނައަށް ޖެހިލާފައެވެ.