ޚަބަރު

"އައްނޫރުލް މުބީން"ގައި ރާއްޖެ ތަމްސީލް ކުރާނީ އަޝްރަޤު ނާޒިރު


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ އަޝްރަޤު ނާޒިރު، ފެހިފާރުދާގެ / މ.ވޭވަށް ކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.

މި މުބާރާތުގައި ވާދަކުރުމަށް ނާޒިރު ހޮވުނީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އެ މުބާރާތުގައި ވާދަކުރާނެ ބައިވެރިއަކު ހޮވުމަށް ކުރިއަށްގެންދިޔަ އޮޑިޝަންގައި އެންމެ މަތީ މާރކްސް ހޯދައިގެންނެވެ.

ނާޒިރަކީ އެންމެ ކުޑައިރުއްސުރެ ކީރިތި ޤުރުއާން ކިޔަވާ ދަސްކުރުމަށް ޝައުޤުވެރިވާ މީހެކެވެ. އުމުރުން 27 އަހަރުގެ ނާޒިރަކީ މީގެ ކުރިންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި ބައެއް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހާސިލްކޮށްފައިވާ މީހެކެވެ.

އެގޮތުން ރާއްޖޭގައި ބާއްވާ ޤައުމީ ޤުރުއާން މުބާރާތުން އުމުރުފުރައިގެ ބައިން ވަނަތައް ހާސިލްކޮށްފައިވާއިރު މުބާރަތުގެ އެއްވަނަވެސް އޭނާ ހާސިލްކޮށްފައިވޭ. މީގެ އިތުރުން އޭނަ ވަނީ 2012 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައިވެސް ރާއްޖެ ތަމްސީލްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނާޒިރު ބުނީ ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމަށާއި ރާއްޖެއަށް ވަނަ ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އޭނާ މިހާރުވެސް ދަނީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤުރުއާން ފަރިތަކުރަމުންނެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ ބައިވެރިޔަކު ހޮވުމަށް ބޭއްވި އޮޑިޝަންގައި 8 މީހަކު ކިޔަވާފައިވާކަމަށް ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިޔާއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާއާއި ސަޢޫދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވާނީ މިއިން ކޮންމެ ޤައުމަކުންވެސް އެއް ފަރާތެވެ. ނޫރުލް މުބީން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ން 17 ގެ ނިޔަލަށެވެ

މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ދިވެހި ދެބޭފުޅަކާއި، ޕާކިސްތާނާއި ސޫދާނުގެ ވަރަށް އިލްމުވެރި ޤާބިލު ދެބޭފެޅަކު އިންސާފުކޮށްދެއްވާނެއެވެ. މީގެ އިތުރުން ތުރިކީ އާއި މިސްރުންވެސް މުބާރާތަށް ފަނޑިޔާރުން ގެނައުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރު ލިބޭނެއެވެ. "އައް ނޫރުލް މުބީން" މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭ އޮންނަ އިހްޔާ ފޯރަމްގައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުލަގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން"އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.