ޚަބަރު

ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް އިތުރު 165 މިލިއަން ޑޮލަރުގެ އެހީ ލިބެއްޖެ


މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ކުރިއަށް ގެންދާ ގްރޭޓަރ މާލެ އެންވައިރޮންމެންޓަލް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އިތުރު 165 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.

އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުން މިއެހީ ރާއްޖެއަށް ދީފައިވަނީ އޭޑީބީގެ ގަވަރުނަރުންގެ ބޯޑުގެ 51 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ގަވަރުނަރުގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރެވެ. ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން ދިހަ އިންސައްތަ ޚަރަދުކުރާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ބެލުމުގެދަށުންނެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ކުނި ނައްތާލުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

މިނިސްޓަރ މުނައްވަރު ވަނީ މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މި މަޝްރޫއާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ އަޙްމަދު މުނައްވަރު އޭ.ޑީ.ބީގެ ޓީމާއެކު ބޭއްވެވި ބައްދަލުވުމުގައި އޭ.ޑީ.ބީގެ ރައީސް، ޓަކެހީކޯ ނަކާއޯ ވަނީ ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢު ތަކުގައި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި މިފަދަ ބޮޑެތި މަޝްރޫޢުތަކަށް ކޮންސެޝަނަލް ލޯން ގެ ޒަރިއްޔާއިން މާލީގޮތުން އެހީވެދޭންވެސް ތައްޔާރަށް ތިއްބެވިކަން ހާމަ ކުރައްވާފައެވެ.

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން މާލޭގެ އިތުރުން މާލެއަތޮޅާއި އއ އަތޮޅާއި އދ އަތޮޅާއި ވ އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުގައި ކުނި ނައްތާލުމުގެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮޖްކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ބޭނުންވާ 40 މިލިއަން ޑޮލަރުގެ ގްރާންޓް ހޯދުމުގެ މަޝްވަރާތައް ވަނީ މެއި މަހުގެ ދެވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ފިޔަވަހި އަމާޒު ކޮށްފައިވަނީ ތިލަފުށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނެސް މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތް ފެށުމަށެވެ. 2 ވަނަ ފިޔަވަހީގައި ހިމެނެނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ތިލަފުށީގައި ގާއިމުކޮށް ކުނިން ހަކަތަ އުފެއްދުމެވެ. ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖުލައިމަހުގައެވެ.