ޚަބަރު

ރައީސްގެ އަނބިކަނބަލުން ފުވައްމުލަކުގެ މުއައްސަސާތަކާއި ޒުވާނުންނާ ބައްދަލުކުރައްވައިފި


އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ މުއައްސަސާތަކާއި ޒުވާނުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން މިއަދު ފުރަތަމަ ބައްދަލުކުރެއްވީ ފުވައްމުލައް ސިޓީގެ މުއައްސަސާތަކުގެ ބޭފުޅުންނާއެވެ. މިބައްދަކުވުމުގައި ރައީސްގެ އަނބިކަނބަލުންވަނީ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުއްފިލުއްވާ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި މުއައްސަސާތަކަށް ދިމާވާ ދަތިތައް އެކަމަނާ އޮޅުންފިލުއްވެވިއެވެ. މީގެ އިތުރުން ދިމާވާ ދަތިތައް ހައްލުކޮށް ވިހާވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ބެހޭގޮތުން ރައީސްގެ އަނިބިކަނބަލުންވަނީ މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ.

މުއައްސަސާތަކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ދެން ބައްދަލުކުރެއްވީ ފުވައްމުލަކުގެ ޒުވާނުންނާއެވެ. ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޒުވާނުންވަނީ އެމީހުންނަށް ދިމާވާދަތިތައް ހިއްސާކޮށްފައެވެ. މިބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުންވަނީ ޒުވާނުންނަށް ބޭނުންވާ ކަންކަން އޮޅުއްފިލުއްވާ، ޒުވާނުންގެ ވާހަކަތައް އަޑުއައްސަވާފައެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމާއިބެހޭ ގޮތުން ޒުވާނުންނާއެކު މަޝްވަރާ ކުރެއްވިއެވެ. ރައީސްގެ އަނބިކަނބަލުން ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މިއަދުވެސް އިތުރު ބައްދަލުއްވުންތައް ބާއްވަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފުވައްމުލައް ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމްގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.