ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދަޢުވަތަކަށް ރާއްޖޭގެ ވެރިކަންކުރާ މައިޕާޓީ ޕީޕީއެމްގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.
މިދަތުރުގައި ޕީޕީއެމްގެ 18 މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވާއިރު، އެވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ޕީޕީއެމްގެ ނާއިބު ރައީސް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމައި، ޕީޕީއެމްގެ އިސް ބައެއް މެމްބަރުންވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވެއެވެ.
މިދަތުރުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ޕީޕީއެމްއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރާނެކަމަށް ޕީޕީއެމްއިން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ދެ ޕާޓީގެ ތަޖުރިބާ ބަދަލުކުރުމާއި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ އެކިއެކި ކަންކަމާބެހޭގޮތުން މަޝްވަރާކުރުން ހިމެނޭކަމަށް އެޕާޓީން ބުނެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު ކަންކަމާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ސިއްޙީ ޑާއިރާއިން ކުރިއަށްދާން މުހިންމު ކަންކަމުގެ މަޢުލޫމާތު ދީ، އެހީތެރިކަން ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕީޕީއެމުންބުނެއެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވޭ މަސައްކަތްތަކާއި، އެދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެޕާޓީން މަޝްވަރާކުރާނެކަމަށް ޕީޕީއެމުން މަޢުލޫމާތުދެއެވެ.
މިދަތުރަކީ ކޮންމެ އަހަރަކުވެސް ޗައިނާގެ ކޮމިއުނިސްޓްޕާޓީން ޕީޕީއެމްއަށް ދޭ ދަޢުވަތެކެވެ. މިފަހަރުގެ ދަތުރުގައި ބައިވެރިވާ ޕީޕީއެމްގެ ވަފުދު ޗައިނާގެ ޕްރޮވިންސް ތަކުގެ ވެރިންނާއި އެޤައުމުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރު ނިންމާލުމަށްފަހު ޕީޕީއެމްގެ ވަފުރު އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަދުވަހުއެވެ.