ޚަބަރު

ސްރީލަންކާއާއިއެކު މުހިންމު 3 އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި



 


 


ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 3 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


 



 


 ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބައިވެރިވެވަޑައިގެންނެވިއެވެ.


 
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތަކަކީ،  ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި، ސްރީލަންކާގެ އިންވެސްޓްމަންޓް ބޯޑާއި، ހާލުގައި ޖެހޭ މީހުން ހޯދުމާއި، ސަލާމަތްކުރުމާބެހޭ އެއްބަސްވުމެވެ.


 
މިއެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ހެލްތް މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާއާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަދި ފޮރިން މިނިސްޓަރ ދުންޔާ މައުމޫންއެވެ.


 
ސްރީލަކްނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، އެ ޤައުމުގެ އެކްސްޓަރނަލް މިނިސްޓްރ ޖީ.އެލް ޕީރިސްއެވެ.


 
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އާއި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބައްދަލުކުރައްވާފައެވެ.


 
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ރާޖަޕަކްސައަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.


 
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމު ކަމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް މިފަދަ ގާތް ގުޅުމެއް އޮންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ސްރީލަންކާއަށް ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.


 
ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖެއަށް އެހީތެރިވުމަށް ސްރީލަންކާ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.


 
ރައީސް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކުރެއްވި ޒިޔާރަތުގައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.


 
މީގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައްވެސްވަނީ       ބާއްވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމުގެ ތަފްޞީލު ދެއްވިއެވެ. އެގޮތުން، ދިވެހި ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެއްވުމާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ޤައުމުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރެއްވުމާއި، ޒުވާނުން ބާރުވެރިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.


 
ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.


 
ރާޖަޕަކްސަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާވެސް ވަނީ ބައްދަލުކުރައްވާފައެވެ.