ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުނާޑު އަވަށާއި މިސްކިތްމަގު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފި


ރަޢީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނާޑު އަވަށާއި މިސްކިތްމަގު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމް އަތޮޅުތަކަށް ކުރައްވާ ގެންދަވާ ދަތުރުފުޅުތަކަކީ އެކަމަނާ ފައްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެކެވެ. މި ކެމްޕެއިނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޙާއްސައެހީއަށް ބޭނުންވާ މީހުންނާއި، އިސްރަށްވެހިންނާއި، ޢާއްމު ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ދަށުން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވަނީ އެރަށުގެ ފުނާޑުއަވަށާއި މިސްކިތްމަގު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަފައެވެ. މި ބައްދަލުކުރެއްވުމުގައި އެއަވަށްތަކުގައި ދިރިއުޅޭ އިސްރައްވެހިންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި، އަދި އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާ އެމީހުންގެ ޙާލު ވަނީ ބައްލަވާލައްވާފައެވެ. އަދި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައްވެސްވަނީ އޮޅުންފިލުއްވާފައެވެ. ފާތުމަތު އިބްރާހިމް ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ މި މިދަތުރުފުޅުގައި މިއަދު ހެނދުނުވަނީ ދޫނޑިގަމާއި، މާލެގަން އަވަށު ރައްޔިތުންނާއިވެސް ބައްދަލުކުރައްވާފައެވެ.
މި ދަތުރުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކާއި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ބައިވެރިވެވަޑައިގަންނަވައެވެ.

"އަފުން ރައީސް ޔާމީނާ އެއްކޮށް" މިނަމުގައި މާދަމާރޭ ފުވައްމުލަކު ރައްޔިތުން ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.