ކުޅިވަރު

އޮސްކާގެ ހިފެހެއްޓުމެއްނެތް ތައުރީފް އަޝްފާޤަށް!


އަލީ އަޝްފާގް ދަގަނޑޭ މިހާރު ދައްކަމުން އެދަނީ އޭނާގެ އެންމެ މޮޅު ކުޅުން ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނެފި.
އޭ.އެފް.ސީ ކަޕްގައި އިއްޔެ ޑާކާ އަބަހާނީ ކޮޅަށް ދެ ލަނޑު ޖަހާ އިތުރު ދެ ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިން މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުނީ އޭނާ ދަގަނޑޭގެ ކުޅުން ކުރިންވެސް ބަލާފައިވާ ކަމަށާއި، މިހާރު އެދައްކަނީ އޭނާގެ އެންމެ މޮޅު ކުޅުން ކަމަށް.
އޮސްކާ އިތުރަށް ބުނީ މިއީ ދަގަނޑޭގެ ކުޅުމާ އަދި ޤައުމީ ޓީމާބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ދިން ރަނގަޅު މެސެޖެއް ކަމަށް.
"މިމެޗުގައި އަހަރެން ބޭނުންވީ ދަގަނޑޭވެސް ހެޓްރިކް ހަދަން އެކަމު އޭނާ ދެލަނޑު ޖަހާ މޮޅު ކުޅުމެއް ދެއްކި. މިއީ މިހާރު ދެކެވެމުންދާ ވާހަކަތަކަށް ދިން ރަނގަޅު މެސެޖެއް. ހިނގާ ބަލަމާ ކޮންބައެއްތޯ ތައްޔާރަށް ތިބީ އަދި ކޮންބައެއްތޯ ތައްޔާރު ނުވަނީ. އަހަރެން މީގެ އަހަރުތަކެއް ކުރިން ދަގަނޑޭ ކުޅެފައިވާ މެޗުތައް ބެލިން. އަދި މިހާރު އޭނާ ދައްކަމުންދާ ކުޅުމަކީ އޭނާގެ އެންމެ މޮޅު ކުޅުން. ދަގަނޑޭ އަކީ ސައުތް އީސްޓް އޭޝިއާއިގައި ހުރި އެންމެ މޮޅު ކުޅުންތެރިއާ."
ކޯޗު އޮސްކާ އާއެކު ދަގަނޑޭ ނޫސްވެރިންގެ ބައްދަލުވުމަށް އައުމުންވެސް ދަގަނޑޭގެ ކޮމިޓްމަންޓް އަދި އޭނާ ތައްޔާރަށް ހުރި މިންވަރު ސާބިތުވާކަން އޮސްކާ ވަނީ ފާހަގަކޮށްފައި.

ދަގަނޑޭގެ އިތުރުން އޮސްކާ ވަނީ އިއްޔެގެ މެޗުގައި ނިއުގެ ގޯލްކީޕަރު އިމްރާންގެ މުހައްމަދު ދެއްކި މޮޅު ކުޅުން ފާހަގަކޮށް އިމްރާނަށްވެސް ތައުރީފްކޮށްފައި.
ނިއުގެ ކޯޗު ބުނީ ފަހެއް އެކަކުން ޓީމު މޮޅު ވުމުގައި އިމްރާންގެ ދައުރު ވަރަށް ބޮޑުކަމަށް. އަދި މެޗުގައި އިމްރާން ވަނީ އެހެން ގޯލްކީޕަރުންނަށް ނަމޫނާއެއް ދައްކާދީފައި ކަމަށް.