ޚަބަރު

"ޕީ.އެސް.އެމް ނިއުސް" ބޮޑެތި ކާމިޔާބީތަކަކާއެކު ޚިދުމަތުގައި 1 އަހަރު


24 ގަޑިއިރު މެދުކެނޑުމެއްނެތި ޚަބަރާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ގެނެސްދޭ ދިވެހިރާއްޖޭގެ ފުރަތަމަ ޓީވީ ޗެނަލް، ޕީ.އެސް.އެމް ނިއުސް 1 މެއި 2017 ވަނަ ދުވަހު ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޕީ.އެސް.އެމް ނިއުސް ޗެނަލުން އެންމެ ފުރަތަމަ ދައްކާފައިވަނީ ނިއުސް ޗެނަލް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަގުތުންނެވެ.

ޕީ.އެސް.އެމް ނިއުސް ޗެނަލަކީ، ފިލްމާއި ޑްރާމާއާއި ލަވަ ޕްރޮގްރާމްތައް ނުހިމަނައި ހަމައެކަނި ޚަބަރާއި ކަރަންޓް އެފެއަރޒަށް ޚާއްޞަކޮށްގެން، 24 ގަޑިއިރު މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ހިންގާ ހަމައެކަނި ނިއުސް ޗެނަލެވެ. މިފަދަ ޗެނަލެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި ދުނިޔޭގައި ހިންގާ ކަންކަމުގެ ތެދު މަޢުލޫމާތު ތާޒާކަމާއެކު ވީހާ އަވަހަކަށް ގެނެސްދިނުމާއެކު ދޮގު ޚަބަރުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމުން ރައްޔިތުން ސަލާމަތްކުރުމާއި ފިތުނަ އުފެއްދުމުގެ ޖާގަ ހަނިކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަރައްޤީއާއި އިޖުތިމާޢީ ޙަރަކާތްތައް މުޅިރާއްޖެއަށް ގެނެސްދިނުމަކީވެސް ޕީ.އެސް.އެމް ނިއުސް އެފެއްދުމުގެ މުހިންމު މަޤްޞަދެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ އުފެދުނު ފަހުން 3 އަހަރު ފާއިތުވެގެން ދިޔައިރު، ނިއުސް ޗެނަލް އުފެއްދުމަކީ ޕީ.އެސް.އެމްގެ ހަޔާތުގައި ގިރާކުރި މުހިންމު ހަރުފަތެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނާ ގުޅުން ހުރި ކޮންޓެންޓް މުއްސަނދިކޮށް، ބްރޯޑްކާސްޓްކުރުމަށް ޕީ.އެސް.އެމުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. ފާއިތުވެދިޔަ 1 އަހަރު ދުވަހު ޕީ.އެސް.އެމް ނިއުސް ޗެނަލް އެއްވެސް މެދުކެނޑުމެއް ނެތި ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. މި ޗެނަލްގެ ޚިދުމަތް އެޗްޑީ ކޮލިޓީގައިވެސް ލިބެމުންދެއެވެ.

ޕީ.އެސް.އެމް ނިއުސް ޗެނަލް އުފެދި މިވީ 1 އަހަރުދުވަހުގެ ތެރޭގައި ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ބްރޯޑްކާސްޓްކުރާ އިވެންޓްތަކުގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ރައްޔިތުންނަށް ޚަބަރާއި، ކަރަންޓް އެފެއާރޒް މައުލޫމާތު ގެނެސްދޭ ޕްރޮގްރާމްތަކުގެ ޢަދަދުވެސް މީގެކުރިން އިތުރު ނުވާ މިންވަރަށް، ނިއުސް ޗެނަލް އުފެދުމާއެކު ވަނީ އިތުރުވެފައެވެ. ޕީ.އެސް.އެމްގެ އެހެން ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ ކޮންޓެންޓަށްވެސް، ޕީ.އެސް.އެމް ނިއުސްގެ ސަބަބުން ބޮޑު މުއްސަންދިކަމެއް ވަނީ އައިސްފައެވެ.

ޕީ.އެސް.އެމް ނިއުސް ޗެނަލުން ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި މުޅިން އާ އެތައް ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީތައް ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. އެގޮތުން ޤައުމަށް ދިމާވާ މުހިންމު ކަންކަމާ ގުޅިގެން، އެކަންކަމާ ގުޅޭ ޚާއްޞަ ލައިވް ކަވަރޭޖްތަކާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ޕީ.އެސް.އެމް ނިއުސް ޗެނަލުން ވަނީ ގެނެސްދީފައެވެ. ޚާއްޞަ ގޮތެއްގައި ބްރޭކިންގ ނިވްސްއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަންކަމުގެ އެންމެ ފަހުގެ ތަފްސީލީ ޞައްޙަ މައުލޫމާތު ވަގުތުން ވަގުތަށް ޕީ.އެސް.އެމް ނިއުސް ޗެނަލުން ގެންދަނީ ހުއްޓުމެއްނެތި ގެނެސްދެމުންނެވެ.

24 ގަޑއިރު ހަބަރާއި މައުލޫމާތު ގެނެސްދޭ ޕީއެސްނިއުސް އިން ދުވާލަކު 16 ހަބަރު ވަގުތުން ގެނެސްދެމުން ދެއެވެ. މިވީ 1 އަހަރު ދުވަހުގެ ތެރޭގައި ޕީއެސްއެމް ނއިުސްއިން 879 ބްރޭކިންގ ނިއުސް ގެނެސްދީފައިވާއިރު ލައިވް އިވެންޓްސްގެ ގޮތުގއި 412 އިވެންޓް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ޕީއެސްއެމް ނިއުސްވަނީ ގެނެސްދީފައެވެ. ހަބަރުގެ އިތުރުން ތަފާތު ގިނަ ކަރަންޓް އެފެރޒް މައުލޫމާތުތައް ގެނެސްދެމުން ގެންދާ ޕީއެސްއެމް ނިއުސް ޗެނަލުން ތަފާތު މައުލޫތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަސްދޮޅަހަށްވުރެ ގިނަ ޑޮކިއުމެންޓްރީތައް ވަނީ ގެނެސްދީފައެވެ.
މީގެއިތުރުން ޕީއެސް ނިއުސް އިން ވަނީ ވޭތުވެދިޔަ އަހަރު ދުވަހު ކަރަންޓް އެފައަރޒް 860 ޕްރޮގްރާމް ވަނީ ގެނެސްދީފައެވެ. އަދި ހަފްތާއަކު ކަރަންޓް އެފައަރޒް 17 ޕްރޮގްރާމްވެސް އަންނަނީ ގެނެސްދެމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ސެޓަލައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ނިއުސް ޗެނަލްގެ ޚިދުމަތް ދެމުންގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގައި ހުރި އެންމެ ބޮޑު ޑިޖިޓަލް ޑިސްޕްލޭ ހުރީ ޕީ.އެސް.އެމް ނިއުސް ސްޓޫޑިއޯގައެވެ. އަދި ފެށުނީއްސުރެވެސް ނިއުސް ޗެނަލްގެ ޚިދުމަތް އެޗްޑީކޮށް ދެމުންދާއިރު، އެޗްޑީ ޚިދުމަތް ނުލިބޭ ސަރަހައްދުތަކަށް ޕީ.އެސް.އެމް ނިއުސް އެސްޑީވެސް ވަނީ ތަޢާރަފްކޮށްފައެވެ.
ޕީއެސްއެމް ނިވްސްގެ ޚިދުމަތުގެ އަހަރެއް ފާއިތުވިއިރު، މި ޗެނަލްގެ ޚިދުމަތް ޢާންމު ފަރުދުންގެ މެދުގައި މަޤްބުލްވެފައިވާކަން ފާހަގަކުރަންޖެހެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް އަހަރެއް ފުރުނުއިރު މިއީ ރާއްޖޭގެ ނޫސްވެރިކަމާއި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އަދި އިންޤިލާބީ ބޮޑު ކުރިއެރުމެކެވެ. ޕީއެސްއެމް ނިވްސް ޚިދުމަތް، އާކުރިއެރުންތައް ހޯދަމުން، ޚިދުމަތް ފުޅާކުރަމުން، ޗެނަލްގެ މަޤްޞަދާ އެއްގޮތަށް ފަސްނުޖެހި މާތްﷲ ގެ ވާޤިފުޅާއެކު ދާނީ ކުރިޔަށެވެ.