ޚަބަރު

މަސްވެރިން ގުޅުވައިދޭ ނެޓްވޯކެއް ޕީއެސްއެމުން ޤާއިމްކުރަނީ


ރާއްޖޭގެ މަސްވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށްޓަކާ މަސްވެރިން ގުޅުވައިދޭ ނެޓްވޯކެއް ޕީއެސްއެމުން ޤާއިމްކުރަން ނިންމައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޒުވާނުން ތަމްރީން ކުރުމަށް ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޕީއެސްއެމް ފިޝަމަން ނެޓްވޯކްގެ ނަމުގައި ރާއްޖޭގެ ހުރިހާ މަސްވެރިން ގުޅުވާލަދޭ ނެޓްވޯކެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން އިއުލާންކޮށްދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއް ލަތީފު ވިދާޅުވީ، މި ނެޓްވޯކްގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނެޓްވޯކުގެ ޤާއިމްކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އިކްރާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމަގު އެބައޮތް ވަރަށް ބޮޑު ތަސައްވަރެއް. އެއީ ޕީއެސްއެމް ފިޝަމަން ނެޓްވޯކް އުފެއްދުން. އެއީ އަޅުގަނޑުމެންގެ މެނޭޖިންގ ޑިރެކްޓަރގެ ވަރަށް ބޮޑު ވިސްނުންފުޅެއް. މި ނެޓްވޯކް އަޅުގަނޑުމެން އުފައްދާއިރު ވެބްސައިޓެއް ޤާއިމްވާނެ. މިއާ ގުޅިގެން އެޕްލިކޭޝަނެއް އުފެދޭނެ. މީގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނުގެ މަސްވެރިން ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އަޅުގަނޑުމެން ގުޅުވާލަދޭނަން. އޭރުން އެއް ދޯނިން ބާނާ މަހާއި އަނެއް ދޯނިން ބާނާ މަހާ އެއް ދޯނީގެ މަސްވެރިމަކާ އަނެއް ދޯނީގެ މަސްވެރިކަން މި އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ މަސްވެރި ދޯނިފަހަރަށް ވަގުތުން އެނގޭނެ. ހަމައެއާއެކީގައި ހުރިހާ ހިސާބެއްގެ މަސްވެރިންވެސް އެއްބަޔަކު މަސްވެރިކަން ކުރާ ގޮތާއި އެއްބައެއްގެ ތަޖުރިބާ އަނެއް ބައެއްބަޔަކާ ހިއްސާކުރުމުގެ މަގަކަށް މިކަންވެގެންދާނެ. މި އެޕްލިކޭޝަނާ ވެބްސައިޓާ އަދި ޕީއެސްއެމުން ފޮނުވާ ޚާއްޞަ ޕްރޮގްރާމްތަކުގެ އަލީގައި ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ މަސްވެރިން ވަރަށް ބޮޑަށް ގުޅިގެންދާނެ ކަމަކަށް މިކަންވާނެ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއް ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަކީ ދުނިޔެއަށް ނަމޫނާ މަސްވެރިކަމެއްކަން ފާހަގަުރައްވަމުން އިކްރާމު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމާބެހޭ އެކިއެކި ޕްރޮގްރާމްތައް ހަދާ ބައިނަލްއަޤްވާމީ މުޖުތަމައަށް އިޝްތިހާރު ކުރެވިއްޖެނަމަ ފަތުރުވެރިންވެސް ރާއްޖޭގައި މިކުރާ ދޮށީގެ މަސްވެރިކަން ތަޖުރިބާ ކޮށްލަން ބޭނުންވާނެކަމަށް ޤަބޫލްކުރެވޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަންވެސް އާ ހަރުފަތަކަށް ގެންގޮސްދޭނެކަމަށް އިކްރާމު ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރިކަމަށް މިއަންނަ އިންގިލާބީ ބަދަލު ބައިނަލްއަޤްވާމީ މުޖުތަމައުއަށް ދެއްކުމަށް ޕީއެސްއެމުން މަސައްކަތް ކުރަމުންގެންދާ ކަމަށާއި މިގޮތުން ޕީއެސްއެމުން މިހާރު އުފައްދާފައިވާ މަސްވެރިކަމާ ގުޅުންހުރި ޑޮކިއުމެންޓްރީތައް އިނގިރޭސި ބަހަށް ބަދަލުކޮށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީއިން ދެއްކުމަށް ހަމަޖެހިފައިވާކަމަށްވެސް އިކުރާމު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގައި ޑޮކިއުމެންޓްރީ ހިއްސާކުރާ ބޮޑެތި ނެޓްވޯކްތަކުގައި މި ޑޮކިއުމެންޓްރީތައް ހިމަނާ، ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައިވެސް މި ޑޮކިއުމެންޓްރީތައް ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.