ކުޅިވަރު

ސެންޓޭއާއި ދަގަނޑޭ ފޯމްގައި، ނިއު ދެވަނަބުރާ ފިޔަވަޅަކަށް ގާތުގައި!


އަލީ ފާސިރާއި އަލީ އަޝްފާގުގެ ލަނޑުތަކުން ޑާކާ އަބަހާނީ ބަލިކޮށް، ނިއުރޭޑިއަންޓް އޭ.އެފް.ސީ ކަޕްގެ ދެވަނަ ބުރުގެ ޖާގައަކާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ.

އޭ.އެފް.ސީ ކަޕްގެ ގްރޫޕް އީގައި މިއަދު ހަވީރު ނިއުރޭޑިއަންޓާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ރާއްޖޭގެ ރަސްމީ ބޯޅަ ދަނޑުގައި ބައްދަލުކުރި މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ 5-1 ނެވެ. މިމެޗުގައި ނިއުރޭޑިއަންޓްގެ ފޯވާޑް އަދި އެންމެ ފަހު ދެ އަހަރުގެވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ އަލީ ފާސިރު ވަނީ އޭ.އެފް.ސީ މެޗެއްގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހަދާފައެވެ. އަލީ ފާސިރުގެ ތިން ލަނޑުގެ އިތުރުން މިމެޗުގައި ވަނީ އަލީ އަޝްފާގްގެ ދެ ލަނޑުވެސް ފެނިގެންގޮސްފައެވެ. އަލީ އަޝްފާޤު މިމެޗުގައި ޖެހި ދެ ލަނޑަކީވެސް އޭނާގެ ކަނާތު ފައިން ކާމިޔާބުކުރި ދެލަނޑެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ނިއުއިންނެވެ. މިލަނޑު އަޝްފާގް ހޯދައިދިން ޕެނަލްޓީއަކުން ކާމިޔާބުކުރީ އަލީ ފާސިރެވެ.
ފުރަތަމަ ހާފް އެކެއް ސުމަކުން ނިމުނުއިރު ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި އަބަހާނީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. އެހެންނަމަވެސް އޭގެ ކުޑައިރުކޮށްޅެއް ފަހުން ފާސިރު ވަނީ ދެވަނަ ފަހަރަށް ނިއުރޭޑިއަންޓަށް މެޗުގައި ލީޑް ނަގާދީފައެވެ.
މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނީ ފަހެއް އެކަކުން މޮޅުވިނަމަވެސް މިއީ ފަސޭހަ މެޗެއް ނޫންކަމަށެވެ. އަދި މެޗުގެ ކޮންޓްރޯލް ނިއުރޭޑިއަންޓަށް ލިބުނީ ފަސްދޮޅަސް މިނެޓު ކުޅެވުނު ފަހުން ކަމަށެވެ.

"ޓީމުގެ ކުޅުމާއި ދަގޭ އަދި ސެންޓޭގެ ލަނޑުތަކާމެދު ވަރަށް އުފާވެފައި މިހުރީ، ޓީމުގެ ކުޅުންތެރިންނަށް އިނގޭ މެޗުން މޮޅުވުމަށް މަސައްކަތް ކުރަންޖެހޭ ގޮތް. މިމެޗުގައި ދަގަނޑޭގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެއް. މިމެޗުންވެސް ދަގަނޑޭއޭ ކިއައިގެން ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތެއް ނޫންކަން އޭނާ މިވަނީ ސާބިތުކޮށްދީފައި. ދަގަނޑޭ މީގެކުރިން ކުޅެފައިވާ މެޗުތައްވެސް އަހަރެން ބަލައިފިން. އަދި މިހާރު ދަގަނޑޭ އެދައްކަމުންދަނީ އެއަށްވުރެވެސް މޮޅު ކުޅުމެއް. ދަގަނޑޭ އެހުރީ އެންމެ މޮޅު ފޯމުގައި." އޮސްކާ ބުންޏެވެ.

މެޗުން ބަލިވި އަބަހާނީ ޓީމުގެ ކޯޗު ސައިފުލް ބާރީ ބުނީ މެޗަށް ނިކުތީ މެޗުން މޮޅުވަން ކަމަށާއި، ކުޅެމުންދިޔައީވެސް އެ ޓާގެޓަށް ކަމަށެވެ. ޓީމުގެ ބޭރު ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުން ކޯޗު ބުނީ ގިނަ ލަނޑުތައް ވަނީ ޑިފެންސް ލައިންއިނަށް ހެދުނު މިސްޓޭކް ތަކެއްގެ ސަބަބުން ކަމަށެވެ.

"ޓީމުގެ ޖަޕާން ކުޅުންތެރިއާ ފިޔަވައި ދެން ތިބި ބިދޭސީ ކުޅުންތެރިންގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށް. މިމެޗަށް ނިކުތީ މޮޅުވާން. އެއީ އަހަރުންނަށް އެނޫންގޮތެއް ނެތުމުން. މެޗު އެއްވަރުކޮށްގެންވެސް ދެވަނަ ބުރުގެ ފުރުސަތެއް ލިބުމުގެ ޖާގައެއް ނެތުމުން. އެހެންނަމަވެސް މޮޅުވާން ކުޅުނު މެޗެއްގައި ޓީމުގެ ފަހަތުން ހެދުނު ވަރަށް އާދައިގެ ގިނަ މިސްޓޭކްތަކެއްގެ ސަބަބުން ގިނަ ލަނޑު ތަކެއް ވަނީ. އަލީ އަޝްފާގާއި އަލީ ފާސިރުއަށް މާބޮޑު ޖާގައެއް ދެވުނީ. އެދެ ކުޅުންތެރިންގެ ރަންތައްވެސް ރަނގަޅަށް މާކުނުކުރެވުނީ ޑިފެންސް ލައިނަށް." ކޯޗު ބުންޏެވެ.

މިމެޗުން މޮޅުވުމުން ނިއުރޭޑިއަންޓް ވަނީ އޭ.އެފް.ސީ ކަޕްގެ ގްރޫޕް އީގެ އެއްވަނަ މަޤާމްގައި ބާރަ ޕޮއިންޓް ހަމަކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި އިންޑިއާގެ އައިޒޯލް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ނިއުރޭޑިއަންޓަށް ކަށަވަރު ކުރެވޭނެއެވެ.