ޚަބަރު

ތަޙްޤީޤާގުޅޭ ބައެއް ލިޔުންތައް ލީކު ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި


ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރި މަސައްކަތުގެ ތަޙްޤީޤާގުޅޭ ބައެއް ލިޔުންތައް ލީކުކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤަށް ފުލުހުން ހޯދާފައިވާ ބައެއް މަޢުލޫމާތުތަކާއި ތަޙްޤީޤަށް ނަގާފައިވާ ބައެއް ބަޔާންތައް އިއްޔެ ސޯޝަލް މީޑިއާގައި ބަޔަކު ލީކުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށާ، މި މައްސަލައިގެ ތަޙްޤީޤު ނިންމައި ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެކަމަށެވެ. ޝިފާން ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މި މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެގޮތަށް ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ދޭކަމަށް ޝިފާން ވިދާޅުވިއެވެ.

ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ބަޔަކު ކުރި މަސައްކަތް ތަޙްޤީޤު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތައް އެކި ހުރަސްތައް ކުރިމަތި ކުރުމަށް ބަޔަކު މައްސަކަތް ކުރަމުންދާކަން ފާހަގަކުރަމުން ޝިފާން ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތައް ނުފޫޒު ފޯރުވުމަށް ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ.

ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެ މައްސަލަ ތަޙްޤީޤުކުރުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހު ފުލުހުން ފަށާފައިވާއިރު، މި މައްސަލައިގެ ތަޙްޤީޤުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނަށާއި، ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީފައިވާކަމަށާއި، މިކަމުގައި ވިލާ ގްރޫޕުން މަލީގޮތުން އެހީތެރިކަން ފޯރިކޮށްދީފައިވާކަން ހާމަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅުންހުރި ބައެއް މައްސަލަތައް މިހާރު ޝަރީއަތުގެ މަރުހަލާގައިވާއިރު ބައެއް މައްސަލަތައް މިހާރުވެސް ފުލުހުންދަނީ ތަޙްޤީޤު ކުރަމުންނެވެ.