ޚަބަރު

ބީއެމްއެލް އިސްލާމިކް އިން ޕާސަނަލް ފައިނޭންސިންގގެ ޚިދުމަތް ތަޢާރަފްކޮށްފި


އަމިއްލަ ބޭނުންތަކަށް އިންސްޓޯލްމަންޓަށް މުދާ ގަނެވޭ ޚިދުމަތް، ނުވަތަ ޕާސަނަލް ފައިނޭންސިންގގެ ޚިދުމަތް ބީއެމްއެލް އިސްލާމިކް އިން މިއަދު ތައާރަފްކޮށްފިއެވެ.

ޕާސަނަލް ފައިނޭންސިންގގެ ޚިދުމަތަކީ އިސްލާމީ އުސޫލުތަކުގެ މަތިން، މަހުން މަހަށް ފައިސާ ދައްކާގޮތަށް އަމިއްލަ ބޭނުންތަކަށް މުދާގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުތަމަތެކެވެ. މިޚިދުމަތުގެ ދަށުން 1 ލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭނެކަމަށާއި ޚިދުމަތަށް އެދޭތާ 7 ދުވަސްތެރޭ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެއެވެ.

ޕާސަނަލް ފައިނޭންސިންގގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރުނައިން ބިން ތަމާން ވިދާޅުވީ މިއީ ރާއްޖޭގައި މިވަގުތު ލިބޭނެ އެންމެ ރަނގަޅު ފައިނޭންސިންގގެ ޚިދުމަތް ކަމަށެވެ.

"އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތަޢާރަފް ކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިންގ ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ" ޒުލްގަރުނައިން ބިން ތަމާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް އިސްލާމިކްގެ ޑިރެކްޓަރ ފަތިމަތު މަނިކެ ވިދާޅުވީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފަރުމާ ކޮށްފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގަ އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

"މި ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގ ބޭނުންކުރާ މުރާާގަހާ، ޚަރަދުގެ މައްޗަށް ފައިސާ ލައިގެން ވިއްކުމުގެ އުސޫލުގެ ދަށުން" ފާތިމަތު ވިދާޅުވިއެވެ.

ޕާސަނަލް ފައިނޭސިންގގެ މަސައްކަތް ކުރަނީ އިސްލާމިކް ފައިނޭންސިންގގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަމަށް ބީއެމްއެލް އިސްލާމިކް އިން ބުނެއެވެ.