ކުޅިވަރު

ނޭމާ ރެއާލް މެޑްރިޑާ ގުޅުމަކީ ވަރަށް ދުރު ކަމެއް: ރޮނާލްޑޯ


ކުރިއަށް އޮތް ސީޒަނުގައި ބްރެޒިލްގެ ނޭމާ ރެއާލް މެޑްރިޑުން ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ ބުނެފިއެވެ.

ރެއާލް މެޑްރިޑުގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރޮނާލްޑޯ ބުނީ ނޭމާ ގެނައުމަށް މެޑްރިޑް ބޭނުންވާ ކަމަށާއި، ނަމަވެސް އެކަމަށް ހުރަސް އަޅަނީ އޭނާގެ މިހާރުގެ ކުލަބު ޕީއެސްޖީން ފައިސާ ބޭނުންނުވާތީ ކަމަށެވެ. ހުސްވި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯ އަށެވެ. މިއީ ދުނިޔޭގެ ރެކޯޑް ފީއެކެވެ.

"ނޭމާ ވަރަށް ފަހުން ޕީއެސްޖީއަށް ބަދަލުވީ. މިހެންވެ ޕީއެސްޖީން މިވަގުތު އޭނާ ވިއްކާލާފައި ފައިސާ ބޭނުމެއްނުވޭ. ކިތަންމެ ބޮޑު އަގެއް ހުށަހެޅި ނަމަވެސް މިއީ ބަދަލުވުމެއްނެތް ނިންމުމެއް. އެކަމަކު ކުރިމަގުގައި ކަންތައްތައް ވެގެންދާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ. މިވަގުތު ހާލަތު އޮތީ މި ގޮތަށް،" ކުރިން ބާސެލޯނާ އަށް ވެސް ކުޅުނު ރޮނާލްޑޯ ބުންޏެވެ.

މި ސީޒަނަށް ފަހު ގެރެތް ބޭލް އާއި ކަރީމް ބެންޒެމާ ވިއްކާލަން ރެއާލް މެޑްރިޑް ބޭނުންވާ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް ރޮނާލްޑޯ ބުނީ ބެންޒެމާއާ މެދު ކުލަބުން ހިތްހަމަޖެހޭ ކަމަށާއި، ޓްރާންސްފާ މާކެޓާ ބެހޭ ގޮތުންވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ. އަދި ކުލަބުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ކޮންމެވެސް ވަރުގަދަ ޖާދޫއެއް ހަދާފައި މޮޅު ކުޅުންތެރިއަކު ގެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ ކަމަށެވެ.