ވިޔަފާރި

ސަރުކާރުގެ އަމާޒަކީ އަންހެނުންނާ ޒުވާނުންނަށް ފަތުރުވެރިކަމުން ފުރުސަތު


 


 


ސަރުކާރުގެ އަމާޒަކީ ކުދި ފަންތިއާއި މެދު ފަންތީގައި ހަރަކާތްތެރިވާ އަންހެނުންނާ ޒުވާނުންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ފަހި ފުރުސަތު ތަކެއް ހޯއްދަވާދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.


 
އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީ ތުނބުރީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް އައިލެންޑް މަޝްރޫއު އިފްތިތާޙްކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އަލަށް ފަށާ ގެސްޓް ހައުސް އައިލެންޑް މަޝްރޫޢަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީކުރާ ހަމައެކަނި ދިވެހި ކުންފުނިތަކާއި ފަރުދުންނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްދާ މަޝްރޫޢެއްކަމަށް މި މަޝްރޫޢުކުރިއަށް ގެންދާ މޯލްޑިވްސް މާރކެޓިން އެންޑް ޕީ.އާރ ކުންފުނިންގ ބުނެއެވެ.


 


މި މަޝްރުޢޫ އިފްތިތާހްކުރުމަށް ރޭ ނަސަންދުރާގައި އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް، ވިޔަފާރީގެ ތަފާތު މާހައުލުތަކުގައި މަސައްކަތް ކުރުމުގެ މަގު ފަހިކޮށް ދިނުމަށް ކަމަށެވެ. އަދި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ އިތުރުން ގިނަ ފަރާތްތަކަކުން އެއް ރިސޯޓެއްގައި ގިނަ ޙިދުމަތްތަކެއް ދިނުމަށް ހުޅުވާލުމަކީ ރާއްޖޭއަށް އާ ކަމަކަށް ވީ ކަމަށް ވީނަމަވެސް އޭގެ ސަބަބުން އިޤްތިސާދީ ބޮޑު މަންފާއެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


 
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، ލ.ތުނބުރީގައި ތަރައްޤީކުރާ ގެސްޓް ހައުސް އައިލެންޑް މަޝްރުޢުގެ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާރު ރިސޯޓް ނެތް އަތޮޅުތަކަށް އިސްކަން ދެއްވައިގެން މި ފަދަ އިތުރު މަޝްރޫޢުތަކެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.


 
މިމަޝްރުޢޫގެ އިޤްތިސާދީ މަންފާއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ވަޒީފާގެ ފުރުސަތު ލިބޭނީ ތުބުރީގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަނި ނޫންކަމަށް ނަމަވެސް މުޅި ހައްދުންމައްޗަށް އެކަމުގެ މަންފާކުރާނެ ކަމަށް ވިދާޅުވިއެވެ. ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މިފަދަ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމަށް ބޭނުންވާ ފަރާތްކަށް ޙާއްސަ ލޯން ސްކީމެއް ތަޢާރަފްކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


 
 


ލ. ތުނބުރީގައި ތަރައްޤީކުރާ ގެސްތް ހައުސް އައިލެންޑް މަޝްރުޢޫއިން އެރަށުގައި ދެހާހަހަށް ވުރެ ގިނަ އެނދުގެ ރިސޯޓެއް ވަކިވަކި ކުންފުނިތަކުން ހަދާ ގެސްޓްހައުސްތަކުން ތަރައްޤީވާ އިރު ހަތަރުހާސް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމް.އެމްޕީ.އާރ.ސީއިން ބުނެއެވެ. އަދި މި ރަށުގައި ތަރައްޤީކުރާ ކޮންމެ ފެސިލިޓީއަކަށްވެސް ވަކިވަކި ކުންފުނިތަކާއި ފަރުދުންނަށް ބިޑް ކުރުމުގެ ފުރުސަރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.