ޚަބަރު

ސުޕީރިއަރ ކޯޓުތަކަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކޮށްފި


ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު އައްޔަންކުރައްވައި، މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުޕީރިއަރ ކޯޓްތަކަށް އަލަށް އައްޔަންކުރެއްވި 4 ފަނޑިޔާރުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. އަދި އަލަށް ހުވައި ކުރެއްވި ފަނޑިޔާރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

ސިވިލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވަނީ، ގދ. ފަރެސްމާތޮޑާ މުޝްތަރީގޭ، އަލްއުސްތާޛާ ހާފިޒާ ޢަބްދުއްޞައްތާރާއި ގދ. ތިނަދޫ ޒެނިތު، އަލްއުސްތާޛު ޙުސެއިން ފާއިޒް ރަޝާދެވެ. އަދި ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވަނީ ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ވިލިނގިލީ، ފްރެޝް އަލްއުސްތާޛު ޙަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް އަލްއުސްތާޛު އިސްމާޢީލް ރަޝީދެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރެއްވި 4 ބޭފުޅުން އެމަޤާމަށް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.