ޚަބަރު

ފަހު 3 މިނެޓުގައި ޖެހި 2 ގޯލުން ޔުވެންޓަސް އިންޓަރ ބަލިކޮށްފި


މެޗުގެ ފަހު ތިން މިނެޓުގައި ކާމިޔާބުކުރި ދެ ގޯލާއިއެކު ޔުވެންޓަސްއިން އިންޓަރމިލާން ބަލިކޮށްފިއެވެ.

އިޓަލިއަން ސެރީއޭގައި ރޭ ޔުވެންޓަސް އަދި އިންޓާރ މިލާން ވާދަކުރި މެޗު ޔުވެންޓަސް ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. މެޗުގެ ކުރީކޮޅު އިންޓަރގެ މަތިއަސް ވެސީނޯއަށް ދެއްކި ރަތްކާޑާއިއެކު މެޗުގެ ބޮޑުބައި އިންޓަރ މިލާނުން ފުރިހަމަކުރީ ދިހަ ކުޅުންތެރިންނާއިއެކުގައެވެ.

މެޗު ނިމެން ތިން މިނެޓަށް ވީއިރުވެސް އިންޓަރ މިލާން އޮތީ ދޭއް އެކަކުން ކުރީގައެވެ. އެހެންނަމަވެސް ސްކްރިނާރގެ އަތުން ބައިކޮޅަށް މެޗުގެ އަށްޑިހަ ހަތްވަނަ މިނެޓުގައި ވަތް ގޯލާއިއެކު ނަތީޖާ ހަމަހަމަވިއެވެ. މެޗުން ޔުވެންޓަސް މޮޅުވީ އަށްޑިހަ ނުވަވަނަ މިނެޓުގައި ގޮންޒާލޯ ހިގުއައިން ޖަހައިދިން ގޯލުންނެވެ.

ލީގުގައި ބާކީ ޔުވެންޓަސްއަށް އޮތީ ތިން މެޗެވެ. މި ތިން މެޗުން އެޓީމް މޮޅުވެއްޖެނަމަ ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޔުވެންޓަސްއަށް އިޓަލިއަން ސެރީއޭ އުފުލާލެވޭނެއެވެ.

މި ސީޒަންގައި ސެރީއޭއަށް ވާދަކުރާ އަނެއް ޓީމަކީ ނަޕޯލީއެވެ. އެޓީމަށް ބާކީ ހަތަރު މެޗު އޮތްއިރު، އެއްވަނައިގައި އޮތް ޔުވެންޓަސްއާއި ނަޕޯލީއާއި ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަޕޯލީއަށް ލީގު ލިބެން އޮތީ އެޓީމްގެ ބާކީ އޮތް ހަތަރު މެޗު ކާމިޔާބުކޮށް ޔުވެންޓަސް ކުޅޭ ތިން މެޗުގެ ތެރެއިން މެޗެއް އެއްވަރުވެ ނުވަތަ މެޗަކުން އެޓީމް ބަލިވެގެނެވެ.

އިޓަލިއަން ސެރީއޭގައި ރޭ ރޯމާވަނީ ޗިއޭވޯއާއި ވާދަކުރި މެޗު ހަތަރެއް އެކަކުން ކާމިޔާބުކޮށްފައެވެ.