ޚަބަރު

މޮޅަކާއިއެކު ބަޔާން ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގަށް ހިތްވަރު ހޯދައިފި


އަންނަ ސީޒަންގައި ބާޔާނާއި ހަވާލްވާ ކޯޗު ނިކޯ ކޯވަކް މިހާރު އިރުޝާދުދެމުން އަންނަ އެނިންޓްރެޗް ފްރެންކްރާޓު ބަލިކޮށް ބަޔާނުން ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗަށް ހިތްވަރު ހޯދައިފިއެވެ.

ޖަރުމަން ބުންޑަސް ލީގާގައި ރޭ ބަޔާން މިޔުނިކާއި އެއިންޓްރެޗް ފްރެންކްފާޓު ވާދަކުރި މެޗު ބަޔާނުން ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ. މެޗުގައި ބާޔާންގެ ގޯލްތައް ޖަހައިދިނީ ނިކްލަސް ޑޯޝްއެވެ. ސަންދްރޯ ވެގްނާ، ރަފިންހާގެ އިތުރުން ނިކްލަސް ސޫލޭއެވެ. އެއިންޓްރެޗް ފްރެންކްފާޓުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސެބަސްޓިއަން ހާލޭއެވެ.
ޖަރުމަންގެ ޗެމްޕިއަން ބަޔާނުންވަނީ ރޭގެ މެޗުގައި ޓީމްގެ ފުރަތަމަ އެގާރާގައި ކުޅޭ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ރެސްޓްދީފައެވެ.

ރޭ ބުންޑަސް ލީގާގައި ކުޅުނު މެޗުން ބަލިވެ ކްލޯންވަނީ ރެލިގޭޓްވެފައެވެ. ފްރެއިބާގު އަތުން އެޓީމް ބަލިވީ ތިނެއް ދޭކުންނެވެ.

ކްލޯން ރެލިގޭޓްވިކަމުގައިވިޔަސް އެޓީމްގެ މުހިންމު ކުޅުންތެރިންވަނީ ކުލަބުގައި މަޑުކުރަން ނިންމާފައެވެ. މިގޮތުން ކެޕްޓަން ޖޯނަސް ހެކްޓަރ އަދި ގޯލްކީޕަރު ޓިމޯ ހޯންވަނީ ކުލަބާއިއެކު ކުރިއަށްދާނެކަމަށް ބުނެފައެވެ.