ޚަބަރު

މެގަ މޯލްޑިވްސްއިން ދައުލަތައް 63.7 މިލިއަން ރުފިޔާ ދައްކަންޖެހޭ- މީރާ


މެގަ މޯލްޑިވްސް އެއަރލައިނުން ދިވެހި ދައުލަތައް ދައްކަންޖެހޭ 63 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާއިން އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓްގައިވާގޮތުން އެއޮތޯރިޓީން ވަނީ، މެގަ މޯލްޑިވްސް އެއަރލައިން ހިންގި ކުންފުނި މެގަ ގްލޯބަލް އެއަރ ސަރވިސް ކުންފުނިން ދައުލަތައް ވިތް ހޯލްޑިންގ ޓެކްސް އާއި ޓެކްސް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 63.7 މިލިއަން ރުފިޔާ ނުދައްކައިގެން މިމަހުގެ 15 ވަނަ ދުވަހު އެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ސިވިލްކޯޓުން މި މައްސަލަ ބަލައިގަނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މެގަ މޯލްޑިވްސް އެއަރލައިން އުފައްދައި ޙިދުމަތްދޭން ފަށާފައިވަނީ ދެހާސް ދިހަވަނަ އަހަރުގައެވެ. މެގަ މޯލްޑިވްސްގެ 6 އަހަރަށްވުރެ ގިނަދުވަސްވީ ޚިދުމަތުގައި އެކުންފުނިން ފަންސާސް މަންޒިލަކަށް ދަތުރުތައްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މެއިމަހު މެގަ މޯލްޑިވްސްގެ ދަތުރުތައް ހުއްޓާލިކަން އިއުލާނުކޮށްފައިވަނީ، މާލީގޮތުން އެކުންފުންޏަށް ކުރިމަތިވި ގޮންޖެހުންތަކެއްގެ ސަބަބުން ގެއްލުމުގައި އެ އެއަރލައިންގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ބޭނުންނުވާތީކަމަށްބުނެއެވެ.