ޚަބަރު

ތ.އަތޮޅުގެ ތަރައްޤީގައި އިދިކޮޅު މެމްބަރެއްގެ ބައިވެރިވުމެއް ނެތް - މިނިސްޓަރ ޠާރިޤް


ތ.އަތޮޅުގެ ތަރައްޤީއަށް މިސަރުކާރުން ހިންގި އެއްވެސް މަޝޫރޫއެއްގައި އިދިކޮޅު އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއް ނޯނާނެ ކަމަށް އެންވަރުމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"މަމެން ރައީސް ޔާމީންނާއެކު" މިނަމުގައި ތ.ވޭމަށްޑޫގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެންމެ ވޯޓެއް ނުދިނަސް ތ.އަތޮޅާއި އެހެން އަތޮޅުތަކުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ. މިނިސްޓަރު ޠާރިޤް ވަނީ ތ.އަތޮޅުގެ ރަށްރަށުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައި ނިންމާފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރިއަށްދާ މަޝްރުޢު ތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާކަމަށާއި، ހަޤީގަތާޚިލާފު ކިތައްމެ ވާހަކައެއް ދެއްކިޔަސް ރައީސް ޔާމީން ކުރެއްވި ޤާނޫނާ ޚިލާފު އެއްވެސްކަމެއް ނުދެއްކޭނެކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރުދުވަހަކީ ސިޔާސީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އެތައްފަހަރަކު ބަޣާވާތްކުރަން މަސައްކަތްކުރުމާއި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް މަސައްކަތްކުރުމާއި ރާއްޖެއާ ދެކޮޅަށް ބޭރުގެ ޤައުމުތަކުން ތަފާތު ބަޔާންތައް ނެރުމުގެ އަޑީގައި ހުރިކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދެއްކެވި ތ.އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވީ ހަތަރު އަހަރުދުވަހުގެ ތެރޭގައި ތ.އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކަށް ނުވަސަތޭކަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާފައިވާކަމަށެވެ. އަދި އެ އަތޮޅުގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން މެންބަރުން ފާހަގަކުރެއްވިއެވެ.