ޚަބަރު

އިބްރަހިމޮވިޗް ވޯލްކަޕްގައި ނުކުޅޭނެ - ސްވިޑަން އެފްއޭ


ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް މިއަހަރުގެ ވޯލްޑްކަޕްގައި ނުފެންނާނެކަމަށް ސްވިޑަންގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ.

ސްވިޑަންގެ ފުޓްބޯޅަ އިދާރާއިން މިގޮތަށް ނިންމާފައިމިވަނީ ކުރިއަށް އޮތް ވޯލްޑްކަޕްގައި ސްވިޑަންގެ ޓީމަށް ކުޅެން އިބްރަހިމޮވިޗް ބޭނުންވާކަމަށް ކަމަށް ބުނެފައިވަނިކޮށެވެ.

ވޯލްޑްކަޕްގެ ކޮލިފައިންގެ ޕްލޭ އޮފްގައި އިޓަލީއާއި ވާދަކުރުމުގެ ކުރިން އިބްރަހިމޮވިޗް ބުނީ އޭނާ ވޯލްޑްކަޕުގައި ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ. އެހެންނަމެވެސް އިޓަލީ ކަޓުވާލާއި ސްވިޑަން ވޯލްޑްކަޕުން ޖާގަ ހޯދުމަށްފަހު އިބްރަހިމޮވިޗް ޓީމަށް އެނބުރި އަންނާނެކަމަށް ބެލެވުނެވެ.

އެލްއޭ ގެލެކްސީއަށް ބަދަލްވުމަށްފަހު އިބްރަހިމޮވިޗްވަނީ މި މަހުގެ ކުރީކޮޅު ވޯލްޑްކަޕުގައި ކުޅެން ބޭނުންވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސްވިޑަން އެފްއޭގެ ޗީފް ލާސް ރީޗް ވިދާޅުވީ ވޯލްޑް ކަޕް ސްކޮޑުގައި އިބްރަހިމޮވިޗް ނުހިމެނޭނެ ކަމަށެވެ.

36 އަހަރުގެ އިބްރަހިމޮވިޗަކީ ސްވިޑަންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ ޔޫރޯ 2016ގެ ގްރޫޕް ސްޓޭޖުން އެޓީމް ކެޓި މެޗަށްފަހުގައެވެ. މިހާތަނަށް އިބްރަހިމޮވިޗްވަނީ ގައުމީ ޖާރޒީގައި ކުޅުނު 116 މެޗުން 62 ގޯލް ޖަހާފައެވެ.