ޚަބަރު

ހުކުރު އުފާ ފެސްޓިވަލް މިއަދުވެސް އޮންނާނެ


އިސްލާމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ބާއްވާ ހުކުރު އުފާ ފެސްޓިވަލް މިއަދުވެސް ކުރިއަށްދާނެއެވެ.
މިފެސްޓިވަލްގައި މިއަދު ހަވީރު ހަތަރަކުން އިރު އޮއްސި ހަޔަކަށް ކުޑަކުދިންނަށް ޚާއްޞަ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާނެއެވެ. މިހަފްތާގެ މި ފެސްޓިވަލްގައިވެސް ދީނީ ފޮތްތަކާއި މުސްޙަފު ބެހުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ތަފާތު ސްޓޯލްތަކުން ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތައް ވިއްކުމާއި، ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ދީނީ މަޢުލޫމާތު ދިނުންވެސް ކުރިއަށްދާނެއެވެ.

ހުކުރު އުފާގެ މިރޭގެ ދަންފަޅީގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ދީނީ ދަރުސް މިހާރުވަނީ މާދަމާރެއަށް ފަސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ މާދަމާރޭ އަށްގަޑި ތިރީހުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

"ކޮމަން މިސްކޮންސެޕްޝަންސް އަބައުޓް އިސްލާމް" ނުވަތަ އިސްލާމް ދިނާމެދު ދެކެވޭ ޞައްޙަ ނޫން ވާހަކަތަކުގެ މައްޗަށް ދެއްވާ މި ދަރުހަކީ އާންމުކޮށް ހުރިހާ އެންމެނަށް ދައުވަތު ދީގެން ބާއްވާ ދަރުސެކެވެ. މި ދަރުސް ދެއްވާ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ.

ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިސްލާމިކް މިނިސްޓްރީ އިން ދެއްވި ދަޢުވަތަކަށެވެ.

އިސްލާމިކް ޕަރސަނަލިޓީ އޮފް ދި އިޔަރގެ އެވޯޑުވެސް ލިބިފައިވާ މަޝްހޫރު ދީނީ އިލްމުވެރިއާ ޔޫސުފް އެސްޓެސްއަކީ އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ދީނީ ޙަރަކާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ދީނީ ދަރުސް ދެއްވާ ބޭފުޅެކެވެ.