ޚަބަރު

މަރިޔަމް ސަޢީދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


ކުރީގެ ރައީސް އިބްރާހިމް ނާޞިރުގެ އަނބިކަނބަލުން މަރިޔަމް ސަޢީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ކުރީގެ އަނބިކަނބަލުން މާފަންނު ބަގީޗާގޭ މަރިޔަމް ސަޢީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ސްރީލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

އަލްމަރްޙޫމާ މަރިޔަމް ސަޢީދަކީ ޅެންވެރި ޢާއިލާއަކަށް ލިބިވަޑައިގެންނެވި ޅެންވެރި ބޭފުޅެކެވެ. މިގޮތުން މަރިޔަމް ސަޢީދަކީ ދިވެހި ބަހުގެ އަދީބު ޙުސައިން ޞަލާހުއްދީންގެ ދަރިކަނބަލެކެވެ.
އަލްމަރްޙޫމާ މަރިޔަމް ސަޢީދަށް ޅެންވެރިކަމުގެ ގޮތުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމް 1983 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.