ޚަބަރު

އިޤްތިޞާދީ ސިނާޢަތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ދިފާއީ ހަރުދަނާކަން އަސްކަރިއްޔާގައި ޤާއިމުކުރަނީ


ޤައުމަށް އަންނަމުންދާ ބޮޑެތި ކުރިއެރުންތަކާއެކު، އިޤްތިޞާދީ ސިނާޢަތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ދިފާއީ ހަރުދަނާކަން އަސްކަރިއްޔާގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބޮޑެތި ކުރިއެރުންތަކާއެކު، ސިނާޢަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ސިފައިންގެ އަސްކަރީ ކެޕޭސިޓީ އިތުރުކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެދާނެ ޓެރަރިސްޓް ޙަމަލާއަކުން ސަލާމަތްވުމުގެ ޤާބިލުކަން އަސްކަރިއްޔާގައި އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

"
"މިއަދު ޤައުމަށް މިއަންނަ ބޮޑެތި ކުރިއެރުންތަކާ، ޚާއްޞަކޮށް އިޤްތިޞާދީ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކާއެކީގާ އެސިނާޢަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ބޭނުންވާނޭ ދިފާޢީ ހަރުދަނާކަން މި އަސްކަރިއްޔާގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިއަދު މިދަނީ ކުރަމުން. ޚާއްޞަގޮތެއްގައި ރާއްޖޭގެ އެންމެ މުހިންމު އިޤްތިޞާދީ އެއް ސިނާޢަތްކަމަށްވާ ޓޫރިޒަމްގެ ދާއިރާއަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ ނުރައްކާތެރިކަމުން ސަލާމަތްވުމުގެ ޤާބިލުކަން އަސްކަރިއްޔާގައި އުފެއްދުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މިދަނީ ކުރަމުން."
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށެވެ.

އެގޮތުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމެއް ކޮންމެ ދަނޑިވަޅެއްގައިވެސް ކުރިމަތިވެދާނެކަމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށާއި، ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ސިފައިން ކުރާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތުގެ އަގު ސަރުކާރުން ފުރިހަމައަށް ވަޒަން ކުރާކަމަށާއި، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމަށް ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.