ޚަބަރު

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް 4 ބޭފުޅަކު އައްޔަން ކުރުމަށް ނިންމައިފި


ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު އަންޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސިވިލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ގދ. ފަރެސްމާތޮޑާ، މުޝްތަރީގޭ، ޙާފިޘާ ޢަބްދުއްޞައްތާރާއި، ގދ. ތިނަދޫ ޒެނިތު، ޙުސެއިން ފާއިޒް ރަޝާދެވެ. އަދި ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް އައްޔަންކޮށްފައިވަނީ ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި، ގއ. ވިލިނގިލީ، ފްރެޝް ޙަސަން ނަޖީބާއި، ވ. ފެލިދޫ ވިނަރެސް އިސްމާޢީލް ރަޝީދެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، ސުޕީރިއަރ ކޯޓްތަކަށް ޤާޟީން އައްޔަން ކުރުމަށް ނިންމާފައިވަނީ، މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ކަމަށެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް އައްޔަންކޮށްފައިވާ 4 ބޭފުޅުން އެމަޤާމަށް އައްޔަންކޮށްފައިވަނީ، ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި، ޖޭ.އެސް.ސީގެ ޕެނަލަކުން އިންޓަރވިއު ކުރުމަށްފަހުއެވެ.