ޚަބަރު

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް ނަޝީދު ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ހެންވޭރު ފޮއްދޫގެ މުޙައްމަދު ނަޝީދު ޢައްޔަން ކުރައްވައިފިއެވެ. މުޙައްމަދު ނަޝީދަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި ހުންނެވި މުހައްމަދު ނަޝީދު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތޭރަވަނަދުވަހުއެވެ. ނަޝީދު ތައިލެންޑުގެ ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ނަޝީދުވަނީ ރާއްޖެއާއި އިންޑޮނޭޝިއާ ގުޅިގެން އުފެއްދި ޕާލިމެންޓަރީ ޕްރެންޑްޝިޕް ގްރޫފްގެ ޗެއަރމަންކަންވެސް ވަނީ ކުރައްވާފައެވެ.

ދަރުމަވަންތަ ސްކޫލްގައި ދިވެހި ޓީޗަރެއްގެ ގޮތުގައި ހިދުމަތްކުރެއްވި ނަޝީދުވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް އަދި އާޓްސްއިން ލިންގުއިސްޓިކްސް ދާއިރާއިން ބެޗްލާރސް ހާސިލު ކުރައްވައިފައެވެ.