އިންތިޚާބުވާ ފާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނަކީ ބާޠިލުކުރަންޖެހޭ ޤާނޫނެއް ނޫންކަމަށް ސުޕްރީމުކޯޓުން ކަނޑައަޅައިފިއެވެ.
އެންޓި ޑިފެކްޝަން ޤާނޫނު ބާޠިލުކުރުމަށް އެދި ސުޕްރީމްކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ތިން މެންބަރެއްކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޢަލީ ޙުސައިނާއި އަނާރާ ނައީމެވެ. މި މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކުރި ހުރިހާ ނުކުތާއަކަށް ސުޕްރީމްކޯޓުން ތިން ފަނޑީޔާރުން އިއްތިފާޤުން ކުރި ޙުކުމުގައި ވަކިވަކިން ޖަވާބުދެއްވާފައިވެއެވެ.
މި މައްސަލަ ހުށަހަޅަމުން އިދިކޮޅު ފަރާތަކުން އެންމެ ބޮޑަށް ނެގި އެއްނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެގޮތް ޤާނޫނު އަސާސީގައި ބަޔާންކުރާކަމަށާ އެ ނޫން ޙާލާތެއް ނުގެނެވޭނެކަމަށް ބުނާ ނުކުތާއެވެ. މި ނުކުތާއަށް ޖަވާބުދެމުން ސުޕްރީމްކޯޓްގެ ހުކުމުގައިވަނީ އެނޫން ޙާލަތުތައް އުފެދުމަށްކަށް ޤާނޫނު މަނާ ނުކުރާކަމަށެވެ.
ސުޕްރީމްކޯޓުގެ ހުކުގައި ބުނެފައިވަނީ ދުސްތޫރީ ނަޒަރަކުން ބަލާއިރު ރައްޔިތުން މަޖްލީޙުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނަކީ މަޖިލީހުގެ މެންބަރު ޕްލޯކުރަސްކުރުމާއި ބައި އިލްކެޝަންގެ ކަންތައް ކަނޑައަޅާ އިޖުރާއަތުތައް ހިމެނޭ ޤާނޫނެއްކަމަށެވެ. އަދި މި ޤާނޫނުގައިވަނީ ސުޕްރީމްކޯޓޫން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތޭރަވަނަދުވަހު އިއްވި ހުކުމުގައިވާ ގައިޑް ލައިންތަކާއި އެއްގޮތަށް އުސޫލުތައް ކަނޑައަޅާފައިވާ ހުކުމެއްކަމަށެވެ. އަދި މިފަދަ ޤާނޫނެއް ނެތުމަކީ މެންބަރުންގެ ޒާތީ މަސްލަހަތާއި ސިޔާދަތު ޙިމާޔަތްކުރުމަށް މެންބަރުންނަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި އެންޓި ޑިފެކްޝަން ޤާނޫނެއް ހެދުމަކީ ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކޮށް ޑިމޮކްރަސީ ޙިމާޔަތްކުރުމަށް މުހިއްމު ޤާނޫނެއްކަމަށްވެސް ސުޕްރީމުކޯޓުގެ ހުކުމްގައިވެއެވެ.
އެންޓި ޑިޕެކްޝަން ގާނޫނު ފާސްކޮށްފައިވަނީ މާކުރީގެ ތާރީހަކަށް ރުޖޫއަވާގޮތަށްކަމަށާއި އެކަން އެގޮތަށް ނުކުރޭވޭނެކަމަށް މައްސަލަ ހުށައެޅި މެމްބަރުން ފާހަގަކުރި ނުކުތާއަށްވެސް ސުޕްރީމުކޯޓުގެ ހުކުގައިވަނީ ޖަވާބުދީފައެވެ. މިގޮތުން ޖިނާއީ މައްސަލަތަކުގައި ފިޔަވާ އެހެން މައްސަލަތަކުގައި މާޒީއަށް ރުޖޫއަވެ ކުރީގެ ތާރީހަކަށް ގާނޫނުތައް ފާސްކުރެވޭނެކަމަށްވެސް ސުޕްރީމު ކޯޓުގެ ހުކުމްގައިވެއެވެ. އަދި މިޤާނޫނަކީ ރަނގަޅު މަސްލަހަތެއް އޮތް ރައްޔިތުން ކޮންމެހެން ބޭނުންވާ ޤާނޫނެއްކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުން މަޖިލިސް ހަމަ މަގުން ކައްސާލާނަމަ ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައްސިއްޔަތުން މަޖިލިސް ހަމަ މަގަށް އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމަށްވެސް ސުޕްރީމުކޯޓުގެ ހުކުމްގައިވޭ. އަދި ބައެއް ޤައުމުތަކުގައި މަޖިލިސް އުވާލުމުގެ ބާރުވެސް ރައީސަށް ދީފައިވާކަންވެސް ސުޕްރީމްކޯޓުގެ ހުކުމްގައިވޭ.