ޚަބަރު

ކޯޓުތަކަށް ނުވަދިހައަށްވުރެ ގިނަ މެޖިސްޓްރޭޓުން ހޯދަން އިޢުލާންކޮށްފި


ރާއްޖޭގެ ގިނަޢަދަދެއްގެ މެޖިސްޓްރޭޓް ކޯތަކަށް މެޖިސްޓްރޭޓުންނާއި، އިސް މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްގައި އައްޑޫސިޓީއާއި، ފުވައްމުލަށް ސިޓީގެ އިތުރުން 18 އޮތޮޅެއްގެ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކަށް 28 މެޖިސްޓްރޭޓުންނާއި، 59 އިސް މެޖިސްޓްރޭޓުންނާއެކު ޖުމްލަ 91 މެޖިސްޓްރޭޓުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން ދައްވެގެން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ޤާނޫނީ ދާއިރާގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާހުރި ފަރާތްތަކަށެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މެޖިސްޓްރޭޓުންގެ ޝަރުތު ތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތު ދިނުމާއި، އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ސާބިތުވެ ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ހުކުމް ތަންފީޒުކޮށް ފައިނުވުން ހިމެނެއެވެ. މެޖިސްޓްރޭޓް އަދި އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށްކަމަށް ޖޭ.އެސް.ސީއިން ކޮށްފައިވާ އިޢުލާނުގައިވެއެވެ.

ޖޭ.އެސް.ސީގެ އިޢުލާނުގައި ވާގޮތުން މެޖިސްޓްރޭޓަކަށް މުސާރައާއި އެލަވަންސްތަކާއެކު މަހަކު ތޭވީސްހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ ލިބޭނެއެވެ. އަދި އިސް މެޖިސްޓްރޭޓުންނަށް މަހަކު ފަންސަވީސްހާސް ހަސަތޭކަ ރުފިޔާ ލިބޭނެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގައިވާގޮތުން އެކޯޓުތަކަށް ފަނޑިޔާރުން ކަނޑައަޅާނީ ޖޭ.އެސް.ސީން ކަނޑައަޅާ އިންޓަރވިއު ޕެނަލަކުން އިންޓަރވިއު ކުރުމަށްފަހު އެކޮމިޝަނުނެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޝަރުޢީ ކޯޓްތަކަށް އެއްފަހަރާ މިހާގިނަ ފަނޑިޔާރުން ހޯދުމަށް އިޢުލާންކުރި ފުރަތަމަ ފަހަރެވެ.