ޚަބަރު

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ފިނޭންސަށް ހުށައަޅައިފި


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޭންޖެހޭ ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ.

މިއަހަރުގެ ބަޖެޓުން 24.2 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާއިރު، މިފައިސާ ދިނުމަށް ހަމެޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 6 ސިޔާސީ ޕާޓީގެ ތެރެއިން 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެގޮތުން މެމްބަރުން ތިބި ޢަދަދަށްބަލައި އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށެވެ. އެޕާޓީގައި 45،865 މެމްބަރުން ރަޖިސްޓްރީކޮށްފައިވާއިރު، 11.5 މިލިއަން ރުފިޔާ ޕީޕީއެމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިދިކޮޅު އެމްޑީޕީގައި 29،759 މެމްބަރުން ތިބިއިރު، އެޕާޓީއަށް 7.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމް.ޑީ.އޭއަށް 2.6 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އިލްކްޝަންސް ކޮމިޝަނުން ބުނީ 10 ހާސް މެމްބަރުން ހަމަވާ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައަޅާފައިވާ ޕާޓީތަކަށް ކަމަށެވެ. އެގޮތުން އެމް.ޑީ.ޕީން މި ޑޮކިއުމެންޓްތައް ހުށައަޅާފައި ނުވާތީ އެޕާޓީއަށް ފައިސާ ދޫކުރުން ވަނީ މަޑުޖައްސާލައިފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ކޮންމެ މެމްބަރަކަށް 251 ރުފިޔާ 58 ލާރީގެ ރޭޓުންނެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ ބަޖެޓްގެ 0.1 އިންސައްތައާއި، 0.2 އިންސައްތައާ ދެމެދުގެ ޢަދަދެއްގެ ފައިސާ ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ. ޤާނޫނުގައި ވާގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި މިފައިސާ ބަހަނީ، އެޕާޓީއެއްގެ ދަފްތަރުގައި މެންބަރުން ރަޖިސްޓްރީވެފައިވާ ނިސްބަތުންނެވެ.