ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޕީ.އެޗް.ޑީ. ހާސިލުކުރައްވާފައިވަނީ ޑޮކްޓަރ ސުނީނާ ރަޝީދާއި، ޑޮކްޓަރ ޢާއިޝަތު ޢަލީއެވެ. ދެބޭފުޅުންވެސް ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ އެޑިއުކޭޝަންގެ ދާއިރާއިންނެވެ. ޑޮކްޓަރ ސުނީނާ ރަޝީދު ޕީ.އެޗް.ޑީ. އަށް ކިޔާވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕެއްގައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި، ޕީ.އެޗް.ޑީ. ހާސިލުކުރެއްވި ދެ ބޭފުޅުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ފާހަގަ ކުރެއްވިއެވެ. އަދި އިސްލާމްދީނުގައިވާ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށާއި، ދީނާއި ޤާއުމާއި ވަޠަންދެކެ ލޯބިވާ، ވަޠަނީ މީހަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ކޮންމެ ހާލެއްގައިވެސް ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން، ޑޮކްޓަރ ސުނީނާ ރަޝީދަށާއި، ޑޮކްޓަރ ޢާއިޝަތު ޢަލީއަށް އުފާ ފާގަތި މުސްތަޤުބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި.

މި ބައްދަލުކޮށްލެއްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޕީ.އެޗް.ޑީ. ދަސްވެނިން، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފު ދެއްކެވި ވާހަކަފުޅުގައި، މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ. ހާސިލުކުރި ފުރަތަމަ ފަހަރު ކަމުގައިވިއަސް ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވާފައިވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އެގޮތުން އެގްޒެމިނަރުންގެ ގޮތުގައާއި އެޑިޝަނަލް ސުޕަވައިޒަރުންގެ ގޮތުގައި ތަޖުރިބާކާރު ބޭފުޅުންގެ ޚިދުމަތް ހޯއްދަވާފައިވާނެކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ.