ޚަބަރު

ފިކުރީ ހަނގުރާމަތަކުގެ ސަބަބުން ދާޚިލީ ކަންކަމަށް ކޮށްފާނެ އަސަރަކަށް ދިވެހި އަސްކަރިއްޔާ އޮތީ ތައްޔާރަށް- ޒަކަރިއްޔާ މަންސޫރު


ދުނިޔޭގައި ހިނގަމުންދާ ފިކުރީ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަޖެހުމަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ދިވެހި ސިފައިން ތިބީ ހުށިޔާރުކަމާއެކު ތައްޔާރަށްކަމަށް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕީ.އެސް.އެމް ނިއުސް އިން ކުރިއަށްގެންދިޔަ ޚާއްޞަ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ދިވެހި އަސްކަރިއްޔާގެ އިސް ޖެނެރަލެއްކަމަށްވާ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދުނިޔޭގައި ހިންގަމުންދާ ފިކުރީ ހަނގުރާމައިގެ ތެރޭގައި، ރާއްޖޭގެ ދާޚިލީ މިނިވަންކަމާއި ސިޔާދަތަށް އައިސްދާނެ ކޮންމެ ހަމަލާއަކަށް ދިވެހި ސިފައިންތިބީ ހުށިޔާރުކަމާއެކު ތައްޔާރީ ޙާލަތެއްގައި ކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހިންގެ ސިފަތަކާއި، ސަޤާފަތާއި، ދިވެހިންގެ ޤަބޫލުކުރާ ޤަބޫލުންތައް، ދުނިޔެއިން ބަލައިގަންނަން ޖެހޭކަމަށެވެ. ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދާޚިލީ ހަމަޖެހުމަށް ނުރައްކާވަނީ ހަމައެކަނި ސިޔާސީ ސަބަބުތަކާހެދި ނޫންކަމަށެވެ. އެގޮތުން ދީނީ ކަންކަމާއި، ސަޤާފަތާ ގުޅުންހުރި ކަންކަމުގެ ސަބަބުންވެސް ދާޚިލީ ހަމަޖެހުމަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައިވެސް ހުންނެވި ބްރިޖޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި، ޓެރަރިޒަމްގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ކުރިމަތިވަމުންދާއިރު، މިފަދަ ކަމެއް ރާއްޖެއަށް ކުރިމަތިވެދާނެކަމަށް ސަލާމަތީގޮތުން ރާއްޖެ އޮތީ ތައްޔާރީ ޙާލަތެއްގައިކަމަށެވެ. ޒަކަރިއްޔާ މަންސޫރު ވަނީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޤައުމަށް ދިމާވާ ކޮންމެ ކަމެއް، އަދި އަންނަ ކޮންމެ ބަދަލެއް، ސުލްޙަވެރި ކަމަކަށް ނުވަތަ ސުލްޙަވެރި ބަދަލަކަށް ބަދަލުކުރުމަށް ސިފައިން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ދިވެހިން އެންމެ އިސްކަންދޭ ކަމަކަށް ވާންވާނީ ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމަކާއެކު، ސިފައިންގެ ޚިދުމަތުގެ ބޭނުންތެރިކަން އިތުރުވަމުން އަންނަކަމަށާއި، ސިފައިނަށް އަމާޒުކޮށް ބަޔަކު ރައްދުކުރާ ފާޑުކިޔުމަކުން ސިފައިންގެ ޢަޒުމަށް ބަދަލެއް ނާންނާނެކަމަށްވެސް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.