ޚަބަރު

އިސްލާމްދީނާ ތޮޅެނީ ދިވެހިންގެ މިނިވަންކަން ނަގާލަން - ހޯމް މިނިސްޓަރ


"
"ދިވެހިރާއްޖޭގެ ދާޚިލިއްޔަތާ ތޮޅެ، ދިވެހިންގެ މިނިވަންކަމާ ތޮޅެން އޮތް ހަމައެކަނި ވަޞީލަތަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ތިބި ދިވެހިން އެމަގުން ކައްސުވާލާ، އެމީހުންނަށް ޙައްޤާ ބާޠިލު އޮޅުވާލާ ނުބައި މަގަކަށް އެމީހުން ގެންގޮސްގެން ނޫނީ ރާއްޖޭގެ މިނިވަންކަމާ، ރާއްޖޭގެ ރައްޔިތުންގެ ދާޚިލިއްޔަތަށް އަސަރު ފޯރުވޭނެ އެއްވެސް ހަމައެއް މިމީހުންނަށް އުޅެއުޅެ ނުފެނުނު. އެހެންވީމާ ޑިމޮކްރަސީގެ ނަމުގަ، ޙައްޤުތައް ހޯދުމުގެ ނަމުގަ މިބައިމީހުން މިކުރަމުން ގެންދާ މަސައްކަތަކީ އިސްލާމް ދީން ރާއްޖޭގައި މި އޮންނަ އޮތުން ދުއްވާލަން."
ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު
"
"އިސްލާމްދީން މިތާގަ ނެތް ދުވަހަކީ މިތަނުގެ މިނިވަންކަމާ، މިތަނުގެ ހުރިހާކަމެއް ނެތިގެންދާނެ ދުވަސް. މިތަނުގެ ހަމަޖެހުން ގެއްލިގެންދާނެ ދުވަސް."
ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު

އިސްލާމްދީން ނޫން އެހެން ދީންތަކަށް ރާއްޖޭގައި ފުރުޞަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ މިނިވަންކަން ނަގާލުމަށް ބަޔަކު ކުރާ މަސައްކަތަކެއްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ، މިފަދަ ކަންކަމާ ދިވެހިން މިއަދު ކުރިމަތިލާންޖެހިފައި މިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ބަޔަކު އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުން ދިމާވާ ކަންތައްތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގައި އެހެންދީންތަކަށް ޖާގަ ދިނުމަށާއި، އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅޭމީހުންނަށް ދިވެހިން ރައްޔިތަކަށް ވުމުގެ ޙައްޤުލިބެންޖެހޭކަމަށްބުނެ، ޔޫރަޕިއަން ޔޫނިއަން ޔޫނިއަނުން ގޮވާލި ގޮވާލުމާ ގުޅޭގޮތުން ޕީއެސްއެމަށް ދެއްވި އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން އެކުރާ ޙަޤީޤީ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާ ތޮޅުމުގެ މަސައްކަތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް އޮތުމާއި، ރާއްޖޭގައި އޮތް އަމާންކަމުގެ ސިއްރަކީ އިސްލާމް ދީންކަމަށާއި، ރާއްޖޭގެ ދާޚިލީ ހަމަޖެހުންވެސް ބިނާވެފައި އޮންނަނީ އިސްލާމް ދީނުގެ މައްޗަށް ކަމަށެވެ. އަދި އިސްލާމްދީނުގެ ހިދާޔަތުން ދިވެހި ރައްޔިތުން ބޭރުކޮށްގެން ނޫނީ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރުވާ ނުލެވޭނެކަން ދިވެހި ތާރީޚުވެސް ހެކިދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެފަރާތްތަކުން ކުރަމުންދާ މިމަސައްކަތަށް ދިވެހިން ހުށިޔާރުވެ ހޭލާ ތިބެންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކަށް އިސްލާމް ދީނާ ޚިލާފު ކަންކަމަށް ފާޅުގައި ގޮވާލުމަށް ހިތްވަރު ލިބިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި، ދިވެހިންގެ ބަޔަކު އެފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުންކަމަށެވެ. އަދި ސިޔާސީ ބޭނުމަށް މިފަދަ ކަމަކަށް ހިތްވަރު ލިބޭގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ހުރިހާ ރައްޔިތުން ނޫނެކޭ ބުނުމަށް ދިވެހި ރައްޔިތުންނަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހުޅަނގުގެ ޔަހޫދީ ޤައުމުތަކުން ދިވެހިންނަށް ހެޔޮ ނޭދޭނެ ކަމަށާއި، އެމީހުންގެ ހަމައެކަނި ބޭނުމަކީ އިސްލާމް ދީން ދިވެހިރާއްޖެއިން ފޮހެލުންކަމަށެވެ. އަދި ޑިމޮކްރަސީގެ ނަމުގައި ވަކި ފަރާތަކަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށް އެފަރާތްތަކުން ކުރާ މަސައްކަތަކީވެސް އިސްލާމް ދީނާ ޚިލާފު ފިކުރުތައް ދިވެހިންގެ މެދުގައި ޢާންމުކުރުމަށް ކުރާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.