ޚަބަރު

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ޢާއިލީ ހަވީރެއް ބާއްވައިފި


ސިފައިންގެ ސަތޭކަ ސައްބީސްވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.
މާލޭ އޭރިއާގެ ފަޔަރ އެންޑް ރެސްކިޔު ޑިޕާޓްމެންޓްގެ ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި އާޢިލީ ހަވީރު ޝަރަފްވެރިކޮށްދެއްވީ ފަޔަރ އެންޑް ރެސްކިޔު ޑިޕާޓްމަންޓްގެ މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީގެ އަނބިކަނބަލުން ޚަދީޖާ މޫސާއެވެ.

މިހަވީރު ބޭއްވުމުގެ މަޤްޞަދަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ދިވެހި ސިފައިންގެ ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދީ އަލިފާނުގެ އެކި ޙާދިސާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން މިހަވީރުގެ ތެރެއިން ސިފައިންގެ ޢައިލާތަކަށް ވަނީ އަލިފާނުގެ ޙާދިސާއެއް މެދުވެރިވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތާއި ބަދިގޭގައި ގޭސް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި އަލިފާނުގެ ޙާދިސާތަކުގައި އަރާ ދުމުން ސަލާމަތްވާނެ ގޮތްތައް ކިޔާދީފައެވެ.

މި އާޢިލީ ހަވީރުގެ ޝަރަފްވެރި މެހެމާނު، މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީގެ އަނބިކަނބަލުން ޚަދީޖާ މޫސާ ވިދާޅުވީ މިފަދަ ޙަރަކާތްތަކުގެ ސަބަބުން ސިފައިންގެ ޢާއިލާތަކުންވަމުންދާ ޤުރުބާނީތައް ބަލައިގަންނަކަން ދޭހަވާކަމަށެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ މާލޭ އޭރިޔާގެ ޢާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ޗެލެންޖެއްވަނީ ކުރިއަށް ގެންގޮސްފައި. މިޗެލެންޖް ކުރިއަށްގެންގޮސްފައިވަނީ އަލިފާން ނިވުމަށް ސިފައިން ކުރާ މަސައްކަތާއި އެކަމުގެ މުހިއްމުކަން ކުޑަކުދިންނަށް ވިސްނޭނެފަދަ ގޮތަކަށެވެ. ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ގެންދަނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.