ޚަބަރު

ތައިލެންޑް ކޭމްޕުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ - ކޯޗު ސާޖިދު


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ.

ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރު ނިންމާލުމަށްފަހު، މުބާރާތް ކުޅުމަށް ބަންގްލަދޭޝް އަށް އައިސް މިއަދު ކުރިޔަށްގެންދިޔަ ފަރިތަކުރުންތަކަށް ފަހު ކޯޗު ސާޖިދު ބުނީ، ޓީމުގައި މިފަހަރު ހިމެނުނު އާ ކުޅުންތެރިންނާއެކު ތައިލެންޑުގައި ކުރި ފަރިތަކުރުންތަށް ދިޔައީ ވަރަށް ކާމިޔާބުކޮށްކަމަށެވެ. ސާޖިދު ބުނީ ޓްރެއިނިންގ ދަތުރުގައި އެންމެ ފަހުން ތައިލެންޑްގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރެވުމުން، މުބާރާތުގައި ރަގަޅު ކުޅުމެއް ދެއްކޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

"ތައިލެންޑަށް ކުރި ޓްރެއިނިންގ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް. ދެން އެންމެ ފަހުން ތައިލެންޑްގެ ގައުމީ ވޯލީބޯޅަ ޓީމާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުވެސް އަޅުގަނޑުމެންގެ ޓީމުން ކާމިކުރުން މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. ދެން މިކަހަލަ މުބާރާތަކަށް އާ ތިން ހަތަރު ކުޅުންތެރިއަކުވެސް އެބައުޅޭ، އެ ކުޅުންތެރިންގެ ފަރާތުންވެސް ރަގަޅު ކުޅުމެއް ފެންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަން". ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުންޏެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މާދަމާ ފަށާއިރު، ރާއްޖޭގެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ކުދިކުދި އިންޖަރީތަށް އެބަހުރި ކަމަށާއި، ނަމަވެސް މެޗު ނުކުޅޭ ހާލަތުގައި އެއްވެސް ކުޅުންތެރިއަކު ނެތްކަމަށް ކޯޗު ސާޖިދު ފާހަގަކުރިއެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ސަބަބުން މި މުބާރާތުގައި ރާއްޖޭގެ ވޮލީ ޓީމުގެ ސެޓަރެއްގެ ގޮތުގައި ފެނިގެންދާނީ ހުސައިން ވިޝާމް (ބުޅިކެ)އެވެ. ސެޓަރު ވިޝާމް އާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު މުހައްމަދު ސާޖިދު ބުނީ، މި މުބާރާތަކީ ވިޝާމް އަށް ފުލްކޮށް ކުޅެން ލިބޭ ފަހަރުކަމަށާއި، އެހެންކަމުން ވިޝާމްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ޓީމުގެ ކެޕްޓަނަކަށް މިފަހަރު ހަމަޖެއްސާފައިވަނީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.

މާދަމާއިން ފެށިގެން މިމަހުގެ ހަތާވީހުގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށާ މި މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ، ބަންގްލަދޭޝް، ކްރިގިސްތާން، ތުރުކެމެނިސްތާން، އުޒްބެކިސްތާންގެ އިތުރުން ދިވެހިރާއްޖެ އަދި ނޭޕާލެވެ. މުބާރާތުގެ ރާއްޖެ ވާދަކުރާ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.

އެންމެ ފަހުން ބޭއްވި އޭ.ވީ.ސީ ވޮލީބޯޅަ މުބާރާތް ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އެފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނެވެ. އެ މުބާރާތް ރާއްޖެއިން ނިންމާލީ އެއްވެސް މޮޅެއް ނުލިބިއެވެ.