ކުޅިވަރު

ތަމްރީނު ހޯދަން ތުރުކީއަށް ފޮނުވާ ޖޫނިއަރ ބާރަ ކުޅުންތެރިން ކަނޑައަޅައިފި


އަލިބޭ ޓްރެއިނިންގ ކޭންޕްގެ ދަށުން ތުރުކީގައި ތަމްރީނު ހޯދާ ޖޫނިއަރ ބާރަ ކުޅުންތެރިން ކަނޑައަޅާ އެކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްފިއެވެ.

މިއީ މޯލްޑިވްސް ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށޫން އަލިބެ މޯލްޑިވްސްގެ ފަރާތުން ދޭ ފުރުޞަތެކެވެ. ކުޅުންތެރިންނަށް ޖަރޒީ ހަވާލުކޮށްދެއްވީ މޯލްޑިވްސް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރުއެވެ. މިތަމްރީނުތައް ފުރިހަމަކުރުމަށް ތުރުކީއަށް ދަނީ 14 އަހަރުން ދަށުގެ ހަ އަންހެން ކުޅުންތެރިންއާއި، ހަ ފިރިހެން ކުޅުންތެރިންނެވެ.

ތަމްރީނު ހޯދުމަށްދާ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ނާމިގް ޝާހިދާއި، ރައުކް މައުމޫނާއި، އައްޔުބް ޝަހީބާއި، އިސްމާއިލް ނުހައިކް އިރުޝާނާއި، މުހައްމަދު މުއައްލިމް އަހްމަދާއި، މުހައްމަދް ކައިސާންއެވެ.
އަންހެން ކުޅުންތެރިންނަކީ ސާރާ އަހުމަދު އަކްރަމާއި، އައިޝަތު ތާރާ ނައީމާއި، ލަޔާން މުހައްމަދު ޝާމިންއާއި، ޒޯޔާ ޒުބިން ސަލީމާއި އައިޝަތު ޔާރާ ޝަމާލް އަދި މަރްޔަމް އަލީޝާ ޚަތީރުއެވެ.
ކޭންޕްގައި އޮފިޝަލުންގެ ގޮތުގައި ބައިވެރިވާނީ އަހްމަދު އިފްޝާދާއި، މުހައްމަދު ޝާމިން އަދި ފާތުމަތު ސުއިޒާއެވެ.

ޖަރޒީތައް ހަވާލުކޮށްދެއްވުމަށްފަހު ޓެނިސް އެސޯސިއޭޝަންގެ ރައީސް ނަޒީރު ވިދާޅުވީ ކުދިން ހޮވާފައިވަނީ އަހަރުތެރޭ ކުޅޭ ހުރިހާ މުބާރާތްތަކުން ރޭންކިންގ ބެލުމަށްފަހު، އެންމެ މޮޅު ކުޅުންތެރިން ކަމަށާއި، އުންމީދަކީ ރަނގަޅު ތަމްރީން ތަކަކާއެކު ކުޅުންތެރިން ރާއްޖެ އައުން ކަމަށެވެ. ހުރިހާ ޚަރަދަކާއެކު ކޭންޕް ސޮޕްންސަރ ކުރި އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ ޓެނިސް އެސޯސިއޭޝަނަށް ދެވޭ އެއްބާރުލުމަކީ ފަޚުރެއްކަމަށާއި، މި ކޭންޕްގައި ކުޅުންތެރިންނަށް ހުނަރުތައް ދައްކާލުމުގެ ފުރުސަތާއެކު ތަފާތު ޤައުމުތަކުގެ ޓެނިސް ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތުވެސް ލިބޭނެކަމަށެވެ.

2017 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުވެސް ބާރަ ކުޅުންތެރިއަކު އަލިބޭ ޓްރެއިނިންގ ކޭންޕްގައި ބައިވެރިވިއެވެ. މިދިޔަ އަހަރުގެ ކޭންޕަގައި ބައިވެރިވީ 16 އަހަރުން ދަށުގެ ހަ އަންހެން ކުޅުންތެރިންނާއި، ހަ ފިރިހެން ކުޅުންތެރިންނެވެ.