ޚަބަރު

ވިލާ ކުންފުންޏަށް ދީފައިވާ ރަށްތައް އަތުލީ ރަނގަޅަށް ނޫންކަމަށް ސުޕްރީމުކޯޓުން ނިންމައިފި


ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކަށް ވިލާ ކުންފުންޏަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމެންޓް ބާޠިލުކުރަން ސަރުކާރުން ނިންމީ ރަގަޅަށްކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމުކޯޓުން ބާޠިލުކޮށްފިއެވެ.

ވިލާއަށް ދޫކޮށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން ސަރުކާރުން ބާތިލުކުރުމާއެކު، އެ މައްސަލަ ވިލާއިން ސިވިލްކޯޓަށް ހުށައެޅުމުން އެކޯޓުން މައްސަލަ ނިންމާފައިވަނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ. އެހެންނަމަވެސް ހައިކޯޓުންވަނީ ސިވިލްކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ބާޠިލުކޮށް އެތަންތަން ސަރުކާރުން އަތުލީ ރަގަޅަށްކަމަށް އެ ކޯޓުން ވަނީ މިދިޔަ އަހަރު ނިންމާފައެވެ.
ހައިކޯޓްގެ ނިންމުން ވިލާއިން އިސްތިއުނާފުކުރުމުން އެ މައްސަލަ ނިންމައި ސުޕްރީމުކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ވިލާ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކަށް ހަދާފައިވާ ސެޓުލްމަންޓް އެގްރިމެންޓްތައް ޓުއަރިޒަމް މިނިސްޓްރީން ބާޠިލުކުރީ ރަނގަޅަށް ނޫންކަމަށާ، އަދި އެއެގްރިމެންޓްގެ ދަށުން ދޫކޮށްފައިވާ ރަށްތައް އަތުލީވެސް ރަނގަޅަށް ނޫންކަމަށެވެ.

ސަރުކާރުން ބާޠިލުކޮށްފައިވަނީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރަށްތަކެވެ. އޭގެތެރޭގައި ހިމެނޭނީ ރ.މާނެންފުއްޓާއި، ގދ.ގަޒީރާއާއި ތ.އެލާއާއި ވ.ދިއްފަޅާއި ކ.މާދިއްގަރު ފަޅާއި ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅެވެ.

ސުޕްރީމްކޯޓުގެ މިޙުކުމާ ގުޅިގެން ޤާސިމް ސަރުކާރާއެކު އަނެއްކާވެސް ޑީލެއް ހެއްދެވީކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުންދަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ.

އުއްތަމަ ފަނޑިޔާރުނެތި ސުޕްރީމްކޯޓުންކުރާ ޙުކުމް ސައްޙަނުވާނެކަމަށާ، ސުޕްރީމްކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ތިއްބެވީ މަޖުބޫރީ ޙާލަތުގައިކަމަށް ސިފަކޮށް ޤާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ވީޓީވީއިން ގޮވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެކި ބޭފުޅުން މީގެކުރިން ވާހަކަދައްކަމުން ދިޔަނަމަވެސް ޤާސިމްގެ ވިޔަފާރި ކުންފުނިތަކާ އެއްކޮޅަށް ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުން މިފަހަރު ޙުކުމް ކުރުމުން ވީޓީވީއާއި ޖޭޕީން މިއީ ވަރަށް ކަމުދާ ނިންމުމެއްކަމަށް ދޭހަވާގޮތަށް މީޑިއާގައި މިހާރުދަނީ ޚަބަރުފަތުރަމުންނެވެ.