ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއަރ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމް ފަށައިފިއެވެ.މި އަހަރުގެ ޖީއެމް ފޯރަމް ކުރިއަށްދަނީ ކުރުނބާ މޯލްޑިވްސް ރިސޯޓްގައެވެ. ހޮޓަލިއަރ މޯލްޑިވްސްއިން ބުނީ، މިފަހަރުގެ ޖީއެމް ފޯރަމްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 ހަށްވުރެ ގިނަ ކުންފުނިތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
ހޮޓަލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދައުލަތުގެ ކުންފުނިތަކުގެ މުހިއްމު މަޤާމުތަކެއް ފުރުއްވާފައިވާ މިހާރު ސޮލަރެއްލެ އިންޝުއަރަންސް ކުންފުނީގެ ޗެއަރމަން އިބްރާހިމް ސަލީމް ވަނީ 1972 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން އައިގޮތާއި މިހާރު އެސިނާއަތް ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. ސަލީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި، މި ސިނާއަތް ފެށިގެން އާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބެންހުރީ ވަރަށް މަދު ޚިދުމަތްތަކެއްކަމަށެވެ.
" ޓޫރިޒަމް ސިނާއަތް ފެށިގެން އާއިރު ކޮޓަރިއެއް އޭރު ވިއްކީ ގާތްގަނޑަކަށް 15 ވަރަކަށް ޑޮލަށް. ނަމަވެސް މިއަދު ކޮޓަރިއެއް 200 ޑޮލަރަށް ވިކޭ. ކުރިން ހުޅުލެއިން ރިސޯޓަށް ގެސްޓުން ދިއުމަށް ބޮލަކަށް ނެގި އަގަކީ 1 ޑޮލަރު." އިބްރާހިމް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ޓޫރިޒަމް ފެށިގެން އައިރު ރާއްޖެއަށް ޓޫރިސްޓުން ގޮވައިގެން ރާއްޖެއަށް ޒިޔާރަތްކުރާ އެއަރލައިންތައް މިހާރު އޮންނަގޮތަށް ނޯންނަކަމަށެވެ. ނަމަވެސް މިއަދު މި ހުރިހާ ކަމެއްވެސް ތަރައްޤީވެ ކުރިއަރައިގެން ގޮސްފައިވާކަަން ސަލީމް ފާހަގަކުރެއްވިއެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓްގައި އެއްދުވަހަށް ކުރިޔަށްދާ މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާގުޅުން ހުރި ތަޖުރިބާކާރުން ބައިވެރިވެ، ޓޫރިޒަމް ސިނާއަތުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން މަޝްވާރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓޫރިޒަމް ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނަގާ ޓެކްސްތަކާއި، ޑެސްޓިނޭޝަން މާކެޓްކުރުމާއި، ހޮޓާތަކަށް ފައިދާ ހޯދާނެ އިތުރު ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. މި ފޯރަމުގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، ފަތުރުވެރިކަމުގެ ތަޖުރިބާކާރު ބޭރުގެ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެއެވެ.
މި އަހަރުގެ ފޯރަމްގައި ބައިވެރިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި ކޮކޯ ކަލެކްޝަން، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިސޯޓްސް، ފެއަރމައުންޓް ހިމެނެއެވެ. އަދި މީގެ އިތުރުން ޖުމެއިރާއާއި، އަދާރަންގެ ޔުނިވަރސަލް ރިސޯޓްސް އާއި ކުރައުން އެންޑް ޗަންޕާ ރިސޯޓްސް ހިމެނެއެވެ.
މިދިޔަ އަހަރުގެ ޖީއެމް ފޯރަމް ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. މިދިޔަ އަހަރުގެ ފޯރަމްގައި އެކިއެކި ކުންފުނިތަކުން 68 ޖެނެރަލް މެނޭޖަރުންނާއި، 100 ޑެލިގޭޓުން ބައިވެރިވެފައިވާއިރު 21 ބްރޭންޑެއް ވަނީ ބައިވެރިކޮށްފައެވެ.