ޚަބަރު

ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ޤާނޫނީ ހަމައެއް ނެތް- ސަރުކާރު


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އދގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައާގުޅޭގޮތުން އެ ކޮމެޓީން ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އދގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައާގުޅޭގޮތުން އެ ކޮމެޓީން ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބުނެފައިވާ ހުރިހާ ޙައްޤުތަކެއް ނަޝީދަށް ދީފައިވާނެކަމަށެވެ. ނަމަވެސް ހުކުމް ތަންފީޒްކުރަމުންދާ އެއްވެސް މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤާނޫނުތަކުން ލިބިދީފައި ނުވާކަމަށާ އެހެންކަމުން ނަޝީދަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަދު ޤާނޫނީ ހަމަތަކުގެމަތިން ލިބި ނުދެވޭނެކަމަށެވެ. އަދި ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އދގެ ހިއުމަންރައިޓްސް ކޮމެޓީން ނޫންކަމަށާއި، އެކަން ނިންމާނީ ދިވެހިރާއްޖޭގެ ސްޕްރީމުކޯޓުން ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސްކަމަށް ކުރިމަތިލައްވާ ފަރާތެއްގެ ހައިސިއްޔަތާމެދު ސުވާލު އުފެދިއްޖެނަމަ އެކަންވެސް ނިންމާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ 109 މާއްދާގެ (ޅ) ގައި ބުނެފައިވަނީ ރައީސްކަމަށް ކުރިމަތިލާ މީހަކީ ބާރަ މަސްދުވަހަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާޢީ ޙުކުމެއް ކޮށްފައިވާ މީހެއްނަމަ އެމީހަކު އެ ހުކުމް ތަންފީޒްކޮށް ނިންމާ ނުވަތަ އެ ކުށަށް މާޢާފްދެވުނުތާ ތިން އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ.

ކުރިމިނަލްކޯޓްގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޤާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް ނަޝީދުގެ
13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 13 މާރޗް 2015ގައެވެ. އެހެންކަމުން ޤާނޫނު އަސާސީގައި ބުނާ ޝަރުތު ރައީސް ނަޝީދުގެ ފުރިހަމަ ނުވާކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއިއެކު މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް ބުނެފައިވެއެވެ. އަދި އިންތިޚާބުގެ ކަންކަން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ސަރުކާރަށް އޮތްކަން ފާހަގަކޮށް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހަދާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.