ސިޔާސީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނުކަމެއް ނޭނގޭ





 


 


ހޯމް މިނިސްޓަރ އުމަރު ނަސީރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާކަމަށް މީޑިއާގައި ޚަބަރު ފެތުރުނު ނަމަވެސް އެއަމުރު ލިބިވަޑައިގެންފައި ނުވާކަމަށް އުމަރު ނަސީރުގެ ދިފާއީ ވަކީލު ވިދާޅުވެއްޖެއެވެ.


 
މިނިސްޓަރ އުމަރު ނަސީރުގެ ވަކީލު އާދަމް އާސިފް އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިނިސްޓަރ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނުނަމަވެސް، އަމަލު ކުރާނެ ވަކިގޮތެއް އެނގޭނީ ކޯޓު އަމުރު ލިބުމުންކަމަށެވެ. އެހެންކަމުން އިތުރު ތަފްސީލް އުމަރު ނަސީރުގެ ވަކީލް ދެއްވާފައެއްނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައްސަލައިގެ ތަފްސީލް ދެވެން ނެތްކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.


 
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ، އެފަދަ އަމުރެއް ނެރެފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް އެނގިވަޑައިގެންފައި ނުވާކަމަށާއި، މިނިސްޓަރ އުމަރު ނަސީރަކީ ކޯޓަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ. އަދި މިނިސްޓަރ ރާއްޖެ ވަޑައިގެން އަމިއްލަފުޅަށް ކޯޓަށް ހާޞިރުވެ  ވަޑައިގަންނަވާނެކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ. މިނިސްޓަރ އުމަރު ނަސީރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުނެރެފައި މިވަނީ އެޝަރީއަތް މިމަހުގެ ސަތާރަ ވަނަދުވަހުގެ ފަހުގެ ތާރީޚަކަށް ފަސްކޮށްދިނުމަށް އުމަރު ނަސީރުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވަނިކޮށެވެ.


 


ކްރިމިނަލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން އުޅުނު ޝަރީއަތް ކެންސަލްކޮށްފައިވާއިރު، އޭގެ ކުރިން ތާވަލު ކުރި ދެ އަޑުއެހުން ވެސްވަނީ މިނިސްޓަރ ރާއްޖޭގައި ނޫޅުއްވާތީ ބޭއްވޭ ގޮތް ނުވެފައެވެ. ތަޒްމީލް ވިދާޅުވީ، މިނިސްޓަރ ނެދަލެންޑްސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަ ވަނަ ދުވަހުކަމަށެވެ.


 


އުމަރުގެ މައްޗަށް ދައުލަތުން ދައުވާކުރައްވަނީ ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭވީސްވަނަ ދުވަހުއޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާ ތަކުގެތެރޭގައި، ދައުލަތުގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ ދެއްކެވި ކަމަށްބުނެއެވެ. ނަމަވެސް އެ ދައުވާއަށް މިނިސްޓަރ އުމަރު ނަސީރު ވަނީ އިންކާރު ކުރައްވާފައެވެ.