ޚަބަރު

ދީނީ ތަފާތުވުންތަކަށް ޙައްލުހޯދުމުގެ ބައްދަލުވުމުގައި 10 ކަރުދާހެއް ހުށައަޅައިފި


ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި ރައްކާތެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި މެދުމިންގަނޑުގެ ފިކުރު ފުޅާކުރުމާއި ބެހޭގޮތުން ބާއްވާ މަތީ ފެންވަރުގެ ސެމިނަރގައި މިހާތަނަށް 10 ކަރުދާސް ހުށައަޅައިފިއެވެ.

އިސްލާމްދީނުގެ ސައްޙަ މައުލޫމާތު ދިވެހިރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި "ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމް"ގެސެމިނަރގައި ޖުމުލަ 12 ކަރުދާސް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނަރގައި މިހާތަނަށް ކަރުދާސް ހުށައަޅާފައިވަނީ ރާއްޖެއާއި ޕާކިސްތާނާއި ޔަމަނުގެ އިތުރުން ،ތޫނިޝްއެވެ. މީގެ އިތުރުން އުރުދުން އިން 3 ކަރުދާހަކާއި މޮރޮކޯއާއި ސޫދާނުންވެސް ވަނީ ސެމިނަރަގައި ކަރުދާހެއް ހުށައަޅާފައެވެ.
މި ސެމިނަރގެ މިއަދުގެ ފުރަތަމަ ސެޝަންގައި ރިޔާސަތު ބަލަހައްޓާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދެވެ. މިއަދުގެ ފުރަތަމަ ސެޝަންގައި ހަތަރު ކަރުދާހެއް ހުށައަޅާފައިވާއިރު ކަރުދާސްތައް އަމާޒްކޮށްފައިވަނީ ޤައުމުތަކުގައި ފިތުނަ އުފެދެން ދިމާވާ ސަބަބުތަކާއި، އެކަންކަން ހައްލުކުރާނެ ގޮތުގެ މައްޗަށެވެ. ރާއްޖޭގެ ފަރާތުން ހުށައެޅީ ޓެރަރިޒަމާއި ހައްދުފާނައަޅާދިއުމުގައި ފުލުހުންގެ ދައުރު މައްޗަށް ބިނާކޮށްފައިވާ ކަރުދާހެކެވެ.

މި ސެމިނަރގައި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން 16 ބައިވެރިން ބައިވެރިވެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ބޮޑެތި ދީނީ މުއައްސަސާތައް ކަމުގައިވާ، އޯ.އައި.ސީ، އަރަބިލީގް، އިސެސްކޯ، ފަދަ މުއައްސަސާތަކާއި، އެސޯސިއޭޝަން އޮފް އަރަބް ޔުނިވަރސިޓީސް އާއި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރާއި، މިސްރުގެ އަލް އަޒްހަރް ޔުނިވަރސިޓީއާއި، ޕާކިސްތާން އިންޓަނޭޝަނަލް ޔުނިވަރސިޓީގެ އިތުރުން މެލޭޝިޔާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ހިމެނޭހެން ބޭރުގެ 15 ޤައުމަކުން 35 މަންދޫބުން މި ސެމިނަރގައި ބައިވެރިވެއެވެ.