އަލަށް އުފައްދަން ހުށައެޅި 2 ސީޔާސީ ޕާޓީ ރަޖިސްޓްރީ ނުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އަލަށް ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށައެޅި ދެ ޕަޓީއަކީ މޯލްޑިވިއަން ރިފަބްލިކަން ޕާޓީއާއި ދަ ގްރޭޓް ގްރީން ކަނެކްޝަން އެވެ. 
މީގެ ތެރެއިން ދަ ގްރޭޓް ގްރީން ކަނެކްޝަން ޕާޓީ އުފެއްދުމަށް ހުއްދަ ނުދިނީ ޕާޓީ އެއް އުފެއްދުމަށް ހުށައަޅަންޖެހޭ މުހިއްމު ލިޔުންތައް ހުށައަޅާފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 
އިލެކްޝަންސް ކޮމިޝަނުން ބުނީ މޯލްޑިވިއަން ރިފަބްލިކަން ޕާޓީ އުފެއްދުމަށް ހުއްދަ ނުދޭން ނިންމީ އެ ޕާޓީއަށް ކިޔަން ހުށައަޅާފައިވާ ނަން މިހާރުވެސް ހިގަމުން އަންނަ ޕާޓީއެއްގެ ނަމާއި އެއްވައްތަރުވާތީ އޮޅުން އަރާފާނެކަމަށް ބެލެވޭތީކަމަށެވެ.  
ސިޔާސީ ޕާޓީގެ ޤާނޫނުގައި ވާ ގޮތުން ސީޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓގެ ދަފްތަރުގައި ރަޖިސްޓްރީކުރާ ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމުޒުކޮށްދޭ އެއްޗެހި އެ ދަފްތަރުގައި ކުރިން ރަޖިސްޓްރީކޮށް ފައިވާ އެހެން ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައއި އެނޫންވެސް ޕާޓީ ރަމުޒުކޮށްދޭ އެއްޗެއްސާ އެއްގޮތް ވެގެން ނުވާނެކަމަށެވެ. 
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީއާއި، ޑީއާރުޕީގެ އިތުރުން އަދާލަތު ޕާޓީއެވެ.