ޚަބަރު

ސިއްޙީ އަދި އިޖްތިމާއީ ޚިދުމަތްތެރިންނަށް ޚާއްޞަ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި


އއ.އަތޮޅާއި އދ.އަތޮޅުގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ތަމްރީން ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ޚާއްޞަ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ އޮން ސަރވިސް ޕްރޮވިޝަންސް ފޮރ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް" ގެ ނަމުގައި އދ.މަހިބަދޫގައި ކުރިއަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމުގައި އއ.އަތޮޅާއި، އދ.އަތޮޅުގެ ޞިއްޙީ އަދި އިޖްތިމާއީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އދ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މިދިޔަ މަހު އެކަނި ވެސް އެކި ބާވަތުގެ އަނިޔާއާ ގުޅޭ 210 މައްސަލަ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާކަމަށާއި، އަނިޔާއެއް ތަޙައްމުލުކުރެވިގެން މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކޮންމެ ފަރާތެއްގެ ވެސް ދިރިއުޅުން އަލުން އާރާސްތުކުރުމުގައި ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން މުހިންމު ދައުރެއް އަދާކުރައްވާކަމަށެވެ.

"
"ޞިއްޙީ އަދި އިޖްތިމާއީ ޚިދުމަތްތެރިންގެ ޚިދުމަތަކީ އިޖުތިމާއީ އަދި ޤައުމީ ފެންވަރުގައި ވެސް ފާހަގަކުރަންޖެހޭ ފަދަ އަގު ހުރި ޚިދުމަތްތަކެއް"
ޒެނީޝާ ޝަހީދު ޒަކީ - މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެހީތެރިކަމާއެކު އދ.މަހިބަދޫގައި 5 ދުވަހުގެ މުއްދަށް ހިންގި މި ޕްރޮގްރާމްގައި ޖުމުލަ 33 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މިމަހުގެ 8 އިން 12 އަށް ހިންގި މި ޕްރޮގްރާމްގައި ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައާއި، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށް، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ އިތުރުން، ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާ ލިބޭ ފަރާތްތަކާއި ބަލި މީހުންނަށް އަޅައިލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.

ޞިއްޙީ އަދި އިޖްތިމާއީ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމް މީގެ ކުރިން ވ. މ. އަދި ފ އަތޮޅުގައި ކުރިއަށްގެންގޮސް 24 އިޖްތިމާއީ ޚިދުމަތްތެރިން ތަމްރީނުކޮށްފައިވެއެވެ.