ޚަބަރު

ގައުމުގެ ކުރިމަގު ބިނާކުރުމަށް ޒުވާން ކުދިންނަށް ފުރުސަތު ދޭންޖެހޭ-





 


ގައުމުގެ ކުރިމަގު ބިނާކުރުމަށް  ޒުވާން ކުދިންނަށް ފުރުސަތު ދޭންޖެހޭކަމަށާއި، ޒުވާނުން ސަލާމަތްކޮށްގެން ނޫނީ ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަދި އެކްޓިން ހޯމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.


 
އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުން ކުރިއަށް ގެންދާ ބްލޫސް ފޯރ ޔޫތް ކޭމްޕްގެ މާލެ ސަރަހައްދުގެ ތިންވަނަ ކޭމްޕް ނިންމުމަށް ރޭ ފޭދޫ ފިނޮޅުގައި ބޭއްވި ހަފްލާގައި ވަހަކަފުޅުދައްކަވަމުންނެވެ.


 
ބްލޫސް ފޯރ ޔޫތް ކޭމްޕަކީ، ފުރާވަރު އުމުރުގެ ކުދިންނަށް ހާއްސަކޮށްގެން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިފަހަރުގެ ކޭމްޕްގައި މާލޭގެ ސާނަވީ ސްކޫލްތަކުން ސާޅީސް އެއް ދަރިވަރުން ބައިވެރިވެފައިވެއެވެ.


 
ރޭ ފޭދޫ ފިނޮޅުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ކޭމްޕްގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހްމާން މިނިސްޓަރ އަހްމަދު އަދީބުއެވެ. އެއަށްފަހު ބައިވެރިންނާ މުހާތަބް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އާބާދީ ކަމަށްވީއިރު، ސަރުކާރުގެ ހުރިހާ އިދާރާއަކުން ޒުވާނުންނަށް އިސްކަންދޭންޖެހޭކަމަށް ވިދާޅުވެފައެވެ.


 
ރޭގެ ރަސްމިއްޔާތުގައި ކޭމްޕްގެ ފިލާވަޅުތައް ނަންގަވައިދެއްވި މުދައްބިރުންނަށްވެސް އެބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ދީފައިވެއެވެ.


 
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޭމްޕްގައި ދަރިވަރުންނަށް ކިޔަވައިދީފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ދިރިއުޅުމުގެ ރަގަޅު އާދަތަކާއި، ހުނަރުތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވެ، އެފަދަ ދަނޑިވަޅުތަކުގައި  މުއާމަލާތްކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އެގޮތުން ހެވިކަމުގެ ހުނަރުތަކާއި، ފަތަން ދަސްކޮށްދިނުމާއި، ފަޅުރަށެއްގައި އެކަނި ވެއްޖެނަމަ ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިމެނެއެވެ. މީގެއިތުރުން މުނި ފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


 
 


މިއީ މާލެ ސަރަހައްދުގައި ބޭއްވި ތިންވަނަ ކޭމްޕެވެ. މާލޭގެ އިތުރުން ދެން މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ އަދި ފުވައްމުލަކުގައެވެ.