ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ޢާއްމު ރައްޔިތަކު ޝަހީދުކޮށްލުން


އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދީ ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރީ ފައިޓަރ ޖެޓްތަކުން ޣައްޒާގެ އިރުމަތީ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހު ހެނދުނު ދިން ބޮމުގެ ޙަމަލާތަކެއްގައި އުމުރުން 31 އަހަރުގެ މުހައްމަދު ހަޖީލާ ޝަހީދުވެފައިވާކަމަށް، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

އިސްރާއީލުން މި ޖަރީމާ ހިންގާފައި މި ވަނީ، ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ޙައްޤު އޮތްކަން ހާމަކުރުމުގެ ގޮތުން ބާއްވާ ތިންވަނަ އެއްވުމަށް ޣައްޒާގެ ރައްޔިތުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އިރުމަތީ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެއްވެ، ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ޙައްޤު އޮންނާނެކަން ހާމަކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުން ގެންދެއެވެ.

މި ހަރަކާތައް ހުއްޓުވުމަށްކަމަށް ބުނެ، އިސްރާއީލުން ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށް، މިހާތަނަށް ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލައި ދެހާހެއްހާ މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.