ދުނިޔެ

ސޫރިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅެއްގައި ސައުދީން ބައިވެރިވުން އެކަށީގެންވޭ- ބިން ސަލްމާން



މިދިޔަ ހަފުތާބަންދުގައި ސޫރިޔާގެ ޣޫޠާގެ ސަރަޙައްދެއްކަމަށްވާ ދޫމާގައި ދިންކަމަށް ތުހުމަތުކުރާ ކެމިކަލް ހަމަލާގެ ރައްދުގައި ބައިނަލްއަޤުވާމީ ދުނިޔެއިން ސޫރިޔާއާ ދެކޮޅަށް އަޅާނެކަމަށް ބެލެވޭ އަސްކަރީ ފިޔަވަޅުތަކުގައި ސައުދީ ޢަރަބިއްޔާއިން ބައިވެރިވުމަކީ އެކަށިގެންވާ ކަމެއްކަމަށް ސައުދީ ޢަރަބިޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ. ހޮނިހިރު ދުވަހު ދޫމާގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގައި މަރުވި މީހުންގެ ޢަދަދު ފަސްދޮޅަހަށްވުރެ އިތުރެވެ.

ސޫރިޔާގެ އިރުމަތީ ޣޫޠާގެ 90 އިންސައްތަ މިހާރު ވަނީ ސޫރިޔާގެ އަސްކަރިއްޔާގެ އަތްދަށުގައެވެ. އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ވަނީ، ހަމައެކަނި ދޫމާއެވެ. ހޮނިހިރު ދުވަހު ސޫރިޔާގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވަނީ ދޫމާގައިކަމަށް ރިޕޯޓްތައް ބުނެއެވެ. ދޫމާގައި ދިން ކެމިކަލް ހަމަލާގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެންނާއި ކުޑަކުދިން ކަމަށް، ސޫރިޔާގައި ސިއްޙީފަރުވާ ދިނުމަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ބުނެފައިވެއެވެ. އެ ފަރާތްތަކުން ވަނީ މި ހަމަލާގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެ ހަމަލާގެ ފަހަތުގައި ވަނީ ސޫރިޔާގެ އަސްކަރިއްޔާކަމަށް އެ ފަރާތްތަކުން ތުހުމަތުކުރިނަމަވެސް ސޫރިޔާގެ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. އެ ހަމަލާއާ މެދު ސޫރިޔާގެ އިތުރުން އ.ދ. އާއި ހުޅަނގުގެ ޤައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން މި ހަމަލާ ދިން ފަރާތް އަދި ކަށަވަރުކޮށްފައެއް ނުވެއެވެ.

މި ހަމަލާ ދިންކަން ކަށަވަރުކުރުމަށް އދގެ ތަހްޤީޤީ ޓީމެއް އެކުލަވާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން އަންގާރަ ދުވަހު ހުށަހެޅި ޤަރާރު ސޫރިޔާގެ ސަރުކާރަށް ވާގިދޭ ރަޝިޔާއިން ވަނީ ވީޓޯކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާއިން ވަނީ ސޫރިޔާގައި އެގައުމުގެ އަސްކަރިއްޔާއިން އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެނަމަ އދން ބޭރުންވެސް ސޫރިޔާއާ ދެކޮޅަށް ފިޔަވަޅުއަޅަން ތައްޔާރުކަމަށް ބުނެފައެވެ. މި ކަމުގައި އެމެރިކާއިން ހުޅަނގުގެ ބާރުތަކާ މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާއިން އަޅާ ފިޔަވަޅުތަކުގައި އެހެން ޤައުމުތަކުން ބައިވެރިވުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

މި ދަނޑިވަޅުގައި، ސައުދީ ޢަރަބިއްޔާއިން މި ވަނީ މިފަދަ ފިޔަވަޅުތަކުގައި އެ ޤައުމުން ބައިވެރިވާނެކަން އިޢުލާނުކޮށްފައެވެ. ފަރަންސޭސިވިލާތަށް ވަޑައިގެން އުޅުއްވާ ސައުދީ ޢަރަބިޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އެ ޤައުމުގެ ރައީސް އެމެނުއަލް މެކްރޯނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ސޫރިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ދުނިޔެއިން އަޅާނެކަމަށް ބެލެވޭ އަސްކަރީ ފިޔަވަޅުތަކުގައި ސައުދީން ބައިވެރިވުމަށް ތައްޔާރަށް އޮތް ކަމަށެވެ. ޢާއްމުންނާ ދެކޮޅަށް ދޭ މިފަދަ ހަމަލާތަކަށް ޒިންމާވާ ފަރާތްތައް ހޯދައި ޖަވާބުދާރީކުރުވަން ޖެހޭނެކަމަށް ސައުދީ ޢަރަބިޔާއިން ޤަބޫލުކުރާކަމަށާއި، އެ ކަމަށް ސައުދީން މަސައްކަތްކުރާނެ ކަމަށެވެ.