ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމާއި ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ކުރިމިނަލް ކޯޓުން ދީފިއެވެ. ވަކީލުން ހަމަޖެއްސުމަށް ކޯޓުން ފުރުސަތު ދީފައިވަނީ މި ތިން ބޭފުޅުންނާއި ދެކޮޅަށް ދައުލަތުން ކުރާ އަދުލު އިންސާފު ޤާއިމުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައެވެ. މި މައްސަލާގައި މިއަދު ބޭއްވީ އިބްތިދާއީ އަޑުއެހުމެވެ. 
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކުރިޔަށް ގެންގެސްފައިވަނީ މައުމޫނާއި އަބްދުﷲ ސައިދާއި އަލީ ހަމީދުގެ ބައި އެއްކޮށްނެވެ.  މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއި އެކުތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލުކުރެއްވުމުން ވަކީލަކާއި އެކު ކުރިޔަށް ދާން ބޭނުންކަމަށް ތިން ބޭފުޅުންވެސް ވިދާޅުވިއެވެ. ވަކީލަކު އައްޔަންކުރުމަށް 15 ދުވަސް ދެއްވުމަށް މައުމޫން އެދިވަޑައިގަތެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު އެދިވަޑައިގަތީ 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. 
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަކީލަކު ހަމަޖައްސަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަސްކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކޯޓުން ވަނީ ދީފައެވެ. އަދި އެ ތިން ބޭފުޅުން ބަންދުގައި ތިބޭތީ ވަކީލުން ހަމަޖައްސަން ބޭނުންވާ ފޯން ކޯލްތަކާއި އާއިލީ ބައްދަލުވުންތައް ހަމަޖެއްސުމަށް ކޯޓުން ކަމާއިބެހޭ ފަރާތްތަކަށް އަންގާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. 
މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މައުމޫންގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައުމޫން ބަންދުގައި ހުރީ މި މައްސަލާއާއި ގުޅިގެންކަން ލިޔެކިޔުންތަކުން އެގެން ނެތްކަމަށެވެ. 
އަދުލު އިންސާފު ޤާއިމުކުރުމަށް  ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް ދައުލަތުން ވަނީ އުފުލާފައެެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށްވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ. 
މި މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ތިން ބޭފުޅުންވެސް ބަންދުގައި ބައި ތިއްބަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.