ވިޔަފާރި

މަސްވެރިން ގެނައި ހުރިހާ މަހެއް ވާނީ ކިރާފައި - މިފްކޯ


އާދައާ ޚިލާފަށް ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ގިނަ ޢަދަދަކަށް މަސްބާނަމުންދާއިރު، ކޫއްޑޫއަށް ކިރުވަން މަސްވެރިން ގެންދިޔަ ހުރިހައި މަހެއް ކިރާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު ޢާއިޝަތު ރިޔާޒާ ވިދާޅުވީ، މިފްކޯއަށް މަސް ނުކިރުވިގެން އެއްވެސް ދޯންޏަކުން މަސްތައް އުކާލަން ޖެހިފައިފައި ނޯންނާނެކަމަށާ، މަސްގަތުން ކޮންޓްރޯލްކޮށްފައިވެސް ނުވާނެކަމަށެވެ.

އެހެންނަމަވެސް މަސްވެރިކަން ރަނގަޅުވެ އެއްފަހަރާ އެތައް ދޯންޏެއް މަސްކިރުވަން އައުމުން މަސްކިރުމުގައި ލަސްތަކެއް ދިމާވިކަމަށް ރިޔާޒާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަސްކިރުވަން ކިޔުގައި ތިބި ދޯނިފަހަރުގައި ހުރި މަސްތައް ތާޒާކޮށް ބެހެއްޓުމަށްޓަކައި ކޫއްޑޫއިން 94 ޓަނުގެ އައިސް ހިލޭ މަސްދޯނިފަހަރަށް ފޯރުކޮށްދީފައިވާކަމަށާ އޭގެ ސަބަބުން މަސްވެރިންނަށް އެއްވެސް ގެއްލުމަކާ ކުރިމަތިނުވެ މަސްކިރުވުމުގެ ކަންކަން ފުރިހަމަވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެ ކޮންމެ ދޯންޏަކުން އެތައް ޓަނެއްގެ މަސް ބޭނުމުގެ ސަބަބުން އެސަރަހައްދުގައި މަސް ގަތުމުގެ ކެޕޭސިޓީ މިފްކޯއިން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ އުތުރުގައި މަސް ކިރަން ހަރަކާތްތެރިވި އެކުންފުނީގެ އެންމެ ބޮޑު އެއްބޯޓުކަމަށްވާ "ކަލަމިންޖާ 402" ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށާ ދެކުނުގައި ހުރި އެކުންފުނީގެ ހުރިހާ އައިސްޕްލާންޓްތަކެއްގެ އޮޕަރޭޝަން 24 ގަޑިއިރަށް ބަދަލުކޮށް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ ވޭތުވެދިޔަ 6 މަސް ދުވަހު އެވްރެޖްކޮށް އެކުންފުންޏަށް ދުވާލަކު ކިރާފައިވަނީ 150 ޓަނުގެ މަސް ކަމަށާއި ނަމަވެސް ފާއިތުވި ތިން ދުވަހު އެވެރެޖްކޮށް ދުވާލަކަށް 600 ޓަނުގެ މަސް އެކުންފުނިން ގަނެފައިވާކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސްވެރިންނަށް ދިމާވަމުންއައި ދަތިތައް ހައްލުކޮށްދިނުމަށާއި މިފްކޯގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީ މިހާރު އިތުރުކޮށްފައިވާކަމަށްވެސް މިފްކޯއުން ބުނެއެވެ.

މިފްކޯގެ މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށް، މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް މިއަހަރު އިތުރު ކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އަދި އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.