ސިޔާސީ

ޖަލްސާއަށް ހާޒިރުނުވާ މައްސަލާގައި މަޖިލިސް "މަރުތަޅު" އެޅުވިފައި!


މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމަކުން ރާއްޖޭގެ ވެރިކަން ހިންގަން ފެށުމާއިއެކު ރާއްޖޭގެ ރައްޔިތުން މަޖިލިސްވެސް ބަދަލުވެގެން ދިޔައީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މަސައްކަތް ކުރާ މަޖިލީހަކަށެވެ. މީގެ އަހަރުތަކެއް ކުރިން މަޖިލީހުގައި ރައީސުލްޖުމްޙޫރިއްޔާ ޢައްޔަންކުރައްވާ ޚާއްސަ މެމްބަރުން ތިބުން ބަދަލުވެ މުޅި މަޖިލީހުގައިވެސް ރާއްޖޭގެ އެކި ދާއިރާތަކުން ތަމްޞީލު ކުރައްވާ ޢިއްޒަތްތެރި މެމްބަރުން ތިއްބަވަން ފެށީ 2009ވަނަ އަހަރުން ފެށިގެންނެވެ.

ރައްޔިތުން މަޖިލީހަކީ ދިވެހިރާއްޖޭގެ ރައްޔިތުން އެ މައްޗަށް ޢަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީއާ އަދި އެކި ޤާނޫނުތައް ފަރުމާކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ މަތިވެރި އަދި އެހާމެ ބޮޑު ޒިންމާއެއް ކޮނޑު އަޅައިގެން ތިއްބަވާ މެމްބަރުންތަކެކެވެ. އެ މެމްބަރުންގެ ޢިއްޒަތްތެރިކަމުގެ މިސާލަކީ އެހެން ޢާންމު ފަރުދުންނާއި ޚިލާފަށް އެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކެވެ. މި އިމްތިޔާޒުތަކާއި އެކު މެމްބަރުން ކޮންމެ މަހަކުމެ 85000 ރުފިޔާގެ މުސާރައެއް ނަންގަވައެވެ. އެއީ މަޖިލީހަށް ދިޔަސް ނުދިޔަސް އެ މެމްބަރުންނަށް ލިބިލައްވާ މުސާރައެކެވެ. މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ޕެކޭޖާއި މަޖިލީހުގެ މަސައްކަތް ކުރައްވާ ވަގުތު ފަރިކުޅުއްވުމުގެ ކަންކަން ދަޢުލަތުން ވަނީ ހަމަޖައްސައިދީފައެވެ.

"
"އަޅުގަނޑުމެން އެއްވެސް ބޭފުޅަކު ޤަބޫލެއް ނުކުރައްވާނެ ރައްޔިތުން މަޖިލީހަށް ވަޑައިގެން ޖަލްސާގައި ބައިވެރިނުވެ، އެ މެމްބަރުންނަށް މުސާރަ ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ. އެހެންވީމަ މީގެ ރިވެތި މިސާލު ދައްކަން ތިބޭ މީހުންނަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުން،"
ރިޔާޒް ރަޝީދު

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކުގެ ވާހަކައަކީ ރައްޔިތުން އިއްޔެއަކު މިއަދަކު ދައްކާ ވާހަކަތަކެއް ނޫނެވެ. 17ވަނަ ރައްޔިތުން މަޖިލީހުން ފެށިގެން ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރައާ އެ މެމްބަރުންގެ އިމްތިޔާޒުތަކުގެ ވާހަކަތައް ރައްޔިތުން އައީ ދައްކަމުންނެވެ. ނަމަވެސް އެކަމަކަށް ޙައްލެއް ނުގެނެވެއެވެ.

ރައްޔިތުންގެ މައިގަނޑު އެއް ޝަކުވާއަކީ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ މެމްބަރުންނަށް އެ ނަމޫނާ ނުދެއްކޭ މައްސަލައެވެ. ޢާންމު ފަރުދަކު ވަޒީފާއަށް އެންމެ ދުވަހަކު ބަލިގެން ނާދެވުނަސް ވަޒީފާއަށް ނާދެވޭ ސަބަބު ބަޔާންކުރަން ޖެހެއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ތިން ދައުރު އޮންނައިރު އޭގެތެރެއިން ދައުރެއްގެ އެންމެ ޖަލްސާއަކަށް އައިސް ބާކީހުރި ދުވަސްތަކުގައި ޖަލްސާއަށް ހާޒިރު ނުވިޔަސް އެ މެމްބަރުންގެ މުސާރައަކުން ނުކެނޑެއެވެ. އެކަން ބެލޭނެ އިންތިޒާމެއްވެސް ނޯވެއެވެ. މިއީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޙާލަތެވެ.

ކަންމިހެން ހުރެމެ މިހާރު ރައްޔިތުންނަށް އަޑު އިވެނީ އެއަށްވުރެވެސް ހިތާމަވެރި އަދި ރައްޔިތުން "ރަތަށް"އަރާ ކަހަލަ ވާހަކަތަކެވެ. މަޖިލީހަށް ވަޑައިގެން، ރައްޔިތުން މަޖިލީހުގެ މެމްބަރުން ސޮއިކުރަން އޮންނަ ފޮތުގައި ސޮއިކުރައްވާ އަދި ނުވިތާކަށް މަޖިލީހުން ފަރިއްކުޅުއްވުމަށްފަހު މަޖިލީހުގެ ޖަލްސާ ބޮއިކޮޓުކޮށް މަޖިލިސް ޖަލްސާއަށް ވަދެވަޑައިނުގަންނަވާ މައްސަލައެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކުމެ 85000 ރުފިޔާ ނަންގަވާ މެމްބަރުންނެވެ.


ރެއާއި ދުވާލު ރައްޔިތު މީހާ ބުރަ މަސައްކަތްކޮށް ލިބޭ ކުޑަ އާމްދަނީން ދަޢުލަތަށް ޓެކްސް ދެއްކުމަށްފަހު، އެ ފައިސާއިން ބައެއް ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށްވެސް ހޭދަކުރެއެވެ. މަހަކު ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރައަށް އެކަނިވެސް ޚަރަދުވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ދާދިފަހުން ސުޕްރީމް ކޯޓުގައިވެސް ވަނީ ބޮޑު ބަހުސެއް ހިނގާފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ދަޢުލަތުން ބުނެފައިވަނީ މަޤްބޫލު ޢުޒުރެއްނެތި، ގަސްދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިނުގަތުމަކީ އޭގެ ސަބަބުން ގާނޫނީ "ޑެޑްލޮކް"އަކަށް ހިނގައިދާނެ ފަދަ ކަމެއް ކަމަށާއި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން މިމަހާ ހަމައަށް މަޖިލީހުން އެއްވެސް ބިލެއް ފާސް ކުރެވިފައި ނުވާ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައި ކަން ދައުލަތުން ފާހަގަކުރި އެވެ. މެމްބަރުން ބިލަކާ ދެކޮޅުނަމަ އެ ބިލަކާ ދެކޮޅަށް ވޯޓު ނުދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު އެ ފުރުސަތުގެ ބޭނުން ނުކޮށް، ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރު ނުވަނީ ކަމަށް ދައުލަތުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ޚާއްސަ މަޖިލީހުގެވެސް މެމްބަރުކަން ކުރެއްވި އަދި މިހާރުވެސް ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ ގޮނޑި ތަމްޞީލް ކުރައްވާ ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން މަޤްބޫލު އުޒުރެއް ނެތި، މަޖިލީހަށް ނާންނަ މައްސަލައާ ގުޅޭގޮތުން މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެއީ އިއްޔެއަކު މިއަދަކު މެމްބަރުން ދައްކަމުން ދިޔަ ވާހަކަތަކެއް ނޫން ކަމަށާއި 17ވަނަ މަޖިލީހުގައިވެސް އެ ވާހަކަތައް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"
"އަޅުގަނޑުގެ ހިތަށް މާ ކުޅަދާނަވާ ކަމެއްނޫން އެއީކީއެއް، ރައްޔިތުން މަޖިލީހުން ފައިސާ ނަގައިގެން ރައްޔިތުން މަޖިލީހުގެ ސައިކޮޓަރީގައި ތިބެގެން ރައްޔިތުންގެ ޙައްޤުގައި އެއްޗެއް ނުބުނާން. ބަޖެޓަށް ވޯޓު ނުދިނަސް މައްސަލައެއް ނެތޭ. އެހެންނަމަވެސް މެޖޯރިޓީ އޮންނަ ފަރާތަކުން ވޯޓު ހަމަކުރާނެ،"
މޫސާ މަނިކު

ރިޔާޒު ވިދާޅުވީ 17ވަނަ ރައްޔިތުން މަޖިލީހުގައި މެމްބަރުންނަށް އެލެވަންސެއް ދިނުމަށް ފާސްކުރުމުން އެކަމާ ދެކޮޅަށް އޭރު އެކި ފޯރަމްތަކުގައި ވަކާލާތު ކުރެއްވި ބޭފުޅުން މިއަދު މަޖިލީހަށް ހޮވިވަޑައިގެން އެ އެލެވަންސް ނަންގަވަމުންދާ ކަމަށެވެ. އަދި މިއަދު އެ މެމްބަރުންނަށް އެ އެލެވަންސް ކުޑަ ކަމަށް ވިދާޅުވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ބަހުސްގައި ދަޢުލަތުގެ ފަރާތުން ބުނީ މަޤުބޫލު ޢުޒުރެއް ނެތް ނަމަ މެމްބަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވާނެކަމަށް ގާނޫނުއަސާސީ އޮތީ ތަސައްވުރު ކޮށްފައި ކަމަށާއި އެކަން ނުކޮށްފި ނަމަ ޢަމަލު ކުރާނެ އެއްވެސް ގޮތެއް މިހާރު މަޖިލީހުގެ ޤަވާއިދުގައި ނެތްކަންވެސް ދައުލަތުން ފާހަގަކުރިއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މަގްބޫލު އުޒުރެއް ނެތި ޖަލްސާއަށް ހާޒިރުނުވާ މެމްބަރުން ސަސްޕެންޑް ކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮތަސް، ރާއްޖޭގައި މިހާރު މެމްބަރުންނާ މެދު ފިޔަވަޅު އެޅެނީ ހަމައެކަނި ކޮމެޓީތަކަށް ހާޒިރުނުވާ ހާލަތްތަކުގައި އެކަންޏެވެ.

މެމްބަރުން މަޖިލީހަށް ހާޒިރުނުވާ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ޢަމަލުކުރައްވާ ގޮތުގެ ސަބަބުން ދަޢުލަތުގެ އެހެން މުޢައްސަސާތަކުގައި މަސައްކަތް ކުރާ މީހުންގެ ފާޑުކިއުންތައް މަޖިލީހަށް އަމާޒުވާނެ ކަމަށެވެ.

ކޮންމެއަކަސް މަޤްބޫލު އުޒުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހާޒިރުނުވާ މައްސަލައަށް ޙައްލެއް ގެންނަން އެބަޖެހެއެވެ. ރައްޔިތުންނާ ގުޅޭ މުހިއްމު ބިލުތަކެއް މަޖިލީހުގައި އޮތްއިރު އެ ބިލުތައް ނިންމަން މަޖިލީހުގައި ތިބީ އެންމެ ސާޅީހަކަށް މެމްބަރުންތޯއެވެ. ރައްޔިތުންގެ ޙައްޤުގައި ބަސްބުނުން އޮތް ހަމައެކަނި ތަނަކީ މަގުމަތި ކަމަށް ހެދުމަކީ އިންސާފުތޯއެވެ؟